އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު މެޗު މެންޗެސްޓަރ ޔުނައިޓެޑުން ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރިއިރު ލެސްޓާ ސިޓީއިން ޓޮޓެންހަމް ހޮޓްސްޕަރސް ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑްގެ މައްޗަށް ޔުނައިޓެޑް ކުރި ހޯދީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ޔުނައިޓެޑުން ދެ ލަނޑު ޖެހިއިރު މި ދެ ލަނޑު ވެސް އެޓީމަށް ޖަހައިދިނީ ސްކޮޓް މެކްޓޮމިނޭއެވެ. ޔުނައިޓެޑްގެ ތިންވަނަ ލަނޑު ބްރޫނޯ ފަނާންޑޭޒް ޖަހައިދިންއިރު އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ވިކްޓަރ ލިންޑެލޯފްއެވެ. ފުރަތަމަ ހާފުގައި ލީޑްސްއަށް ސުން ކަނޑުވާލަދިނީ ލިއަމް ކޫޕަރއެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑުން އިތުރު ދެ ލަނޑު ޖެހިއިރު މި ލަނޑުތައް އެޓީމަށް ޖަހައިދިނީ ބްރޫނޯ ފަނާންޑޭޒްގެ އިތުރުން ޑެނިއެލް ޖޭމްސްއެވެ. ލީޑްސްއިން މެޗުގައި ޖެހި ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ސްޓުއަރޓް ޑަލަސްއެވެ.
ލެސްޓާ ސިޓީއިން ވަނީ ރަށުން ބޭރުގައި 2-0 އިން ޓޮޓެންހަމް ބަލިކޮށްފައެވެ. މި މެޗުގައި ޖެއިމީ ވާޑީ ޕެނަލްޓީއެއް ކާމިޔާބުކުރިއިރު ދެވަނަ ލަނޑަކީ ޓޯބީ އަލްޑަވިޔަލްޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޕްރިމިއަރ ލީގުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު އެސްޓަން ވިލާއިން ވަނީ 3-0 އިން ވެސްޓް ބްރޮމް ބަލިކޮށްފައެވެ. ޝެފީލްޑް ޔުނައިޓެޑް އަދި ބްރައިޓަން ބައްދަލުކުރި މެޗު 1-1- އިން އެއްވަރުވިއިރު ފުލަމް އަދި ނިއުކާސަލް ކުޅުނު މެޗު ވެސް ނިމުނީ ހަމަ މި ނަތީޖާއިން އެއްވަރުވެގެންނެވެ.
ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނާގައި ލިވަޕޫލް 31 ޕޮއިންޓާއެކު އޮތްއިރު ދެވަނާގައި 27 ޕޮއިންޓާއެކު އޮތީ ލެސްޓާ އެވެ. ތިންވަނަ ޔުނައިޓެޑަށް ލިބޭއިރު ހަތަރުވަނާގައި އޮތީ އެވަޓަންއެވެ. އެންމެފަހުން ކުޅުނު ދެ މެޗުން ބަލިވެ ޓޮޓެންހަމް ވަނީ ފަސް ވަނައަށް ވެއްޓިފައެވެ.