ސަން އިންވެސްޓްމެންޓް ކުންފުނީގެ މަނީލޯންޑްރިންގެ މައްސަލާގައި ދައުލަތުގެ ހެކިން ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ނަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. 

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ސަން އާއި ރައީސް ޔާމީންއަށް ދައުވާ އުފުލި މައްސަލައަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މައްސަލައެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެއެވެ.

މިއަދު ބޭއްވި މި މައްސަލާގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. އެގޮތުން ހެކީގެ ގޮތުގައި ހުށަހެޅީ އަދީބާއި ޒިޔަތުގެ ނަމާއި އެހެން ވެސް ބައެއްގެ ނަމާއި ގިނަ އަދަދެއްގެ ލިޔެކިޔުމެވެ. ސަން ކުންފުނިން ވަނީ ދިފާއީ ހެކިން ހުށަހެޅުމަށް އިތުރު ފުރުސަތަކަށް އެދިފައެވެ. އެހެންވެ، ގާޒީ ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. 

ސަން ކުންފުނި ހިމެނޭ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.