ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމުރަށް ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށްފައި ނުވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ޑީޑީ ވިދާޅުވުމާއި ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ހޫނު ރައްދެއް ދެއްވައިފިއެވެ.
ޑރ. ޑީޑީ ވަނީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކުރީގެ ރައީސް ޔާމީންގެ އަމުރަށް ސުޕްރީމް ކޯޓުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި އެފަދަ ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ފަނޑިޔާރުންނާއި ގުޅިގެން އޭރު އޮތް ގާނޫނީ ވެރިކަން ވައްޓާލަން މަސައްކަތްކުރި ކުރުން ތަހުގީގުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެކަމަށް ރައްދު ދެއްވައި އިންތި ވަނީ ޑރ. ޑީޑީއަކީ އަމިއްލަށް ސޮއިކުރައްވާފައި ނެރުނު ހުކުމް އޭގެ އަނެއް ދުވަހު ބަދަލުކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި އުއްތަމަ ފަނޑިޔާރުކަން ހޯދުމަށް ރަހުމަތްތެރިންނަށް ވެސް ލަނޑު ދީ ކޯޓު ތެރޭގައި ޑރ. ޑީޑީ ބަޢާވާތްކުރެއްވި ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ކުރި ހުކުމް ފަހުން ވަނީ ތިން ފަނޑިޔާރަކު ސޮއިކޮށް ބާތިލްކޮށްފައެވެ. އޭގެތެރޭގައި ޑރ. ޑީޑީ ވެސް ހިމެނިވަޑައިގެންނެވިއިރު ޑރ. ޑީޑީ ފަހުން ވަޑައިގަތީ އުއްތަމަ ފަނޑިޔާރުގެ މަގާމަށެވެ. އެއީ އޭރުގެ އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ހައްޔަރުކުރުމަށްފަހު ދައުވާ ކުރުމާއެކު މަގާމުން ގެއްލުމުންނެވެ.