ސިއްޚީ ދާއިރާ އިތުރަށް ހަރުދަނާކުރުމަކީ ރައީސުލްޖުމްރީއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް އެމަނިކުފާނުގެ ނައިބް ފައިސަލް ނަސީމް ވިދާޅުއްޖެއެވެ. 

ނައިބް ރައީސް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ނަރސިންގ ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި، ކޯވިޑް-19 ގެ ޙާލަތުން އެކަނި ވެސް ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމުކަން އިތުރަށް ފާހަގަވެގެން ހިނގައްޖެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތަކާއި، ތަމްރީނުތައް ފުރިހަމަކުރުމަށްފަހު ވަޒީފާގެ މާޙައުލަށް ނުކުންނަ ނަރުހުންގެ ޢަދަދު މަދުކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. އަދި، އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ނަރސިންގް ކޯހަށް ދަރިވަރުން ލިބޭ ކަމަށާއި ނަމަވެސް ކޯސް ފުރިހަމަ ކުރުމަށްފަހު ވަޒީފާގެ މާހާއުލަށް ނުކުންނަ މީހުންގެ ޢަދަދު ދިރާސާތައް ދައްކާގޮތުން މަދުވާކަމަށް ބެލެވޭ މައިގަނޑު ސަބަބަކަށް ވެފައި ވަނީ ދިވެހިންނާ ބިދޭސީންގެ މުސާރައާއި އެލަވަންސްތަކުގެ ފަރަގު އިތުރުވުންކަމުގައި ވެސް ބައިވެރިން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. 

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވަނީ ރާއްޖޭގައި ސިޒޭރިންގެ ހަދާ ޢަދަދު ގިނަ ކަން ފާހަގަކުރައްވައި ނަރސިން ކޯސް ފުރިހަމަކުރުމުގައި މިޑްވައިފެރީ ކޮމްޕޯނެންޓް ކުރިއެކޭ އެއްގޮތަށް ލާޒިމްކުރުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި ވަނީ މިކަން ޙައްލުކުރުމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކުން ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޢާއިޝަތު ނަޒްހަތުއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޢަބްދުލްމަލިކްގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސް ބޭފުޅުންނާއި، ނަރސިންގް ކައުންސިލްގެ މެންބަރުންނާއި ކައުންސިލްގެ ރެޖިސްޓްރާ ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.