ކުރިއަށް އޮތް 48 ގަޑިއިރު ބޯކޮށް ވާރޭވެހި ގުގުރާނެތީ މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން އިލްތިމާސްކޮށްފިއެވެ.
އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ޓްރަޕްގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެއެވެ. އެގޮތުން، ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު، ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް މެޓް އޮފީހުންވަނީ ލަފާކޮށްފައެވެ.
މީގެއިތުރުންވެސް، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް އާންމުކޮށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައު، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑު ވެދާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން، އާންމުކޮށް ފެންބޮޑުވާ ރަށްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.