ހުޅުމާލެ ސާފް ކުރުމަށް "ސާފު ހުޅުމާލެ" ނަމުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމްގައި 18 ޓަނުގެ ކުނި ހޮވައިފިއެވެ.
މިއީ ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ބާރު އެޅުމުގެ ގޮތުން އެޗްޑީސީއިން އިސްނަގައިގެން ބާއްވާ ހަރަކާތެކެވެ. އެގޮތުން، ކުނި ގިނަވެފައިވާ ކަމަށް ފާހަގަކުރެވޭ 20 ސަރަހައްދެއްގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުންވެސް، ތިމާވެށި ސާފުކުރުމުގެ ލޯބި ރައްޔިތުންގެ މެދުގައި އަށަގެންނެވުމަށްޓަކައި ހާއްސަ ހަރަކާތްތައްވެސް މި ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
އިއްޔެ ކުރިއަށްދިޔަ ސާފު ހުޅުމާލެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހަވީރު 04:00 އިން ފެށިގެން 06:00 އަށެވެ. މި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އެޗްޑީސީއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ސާފު ހުޅުމާލޭ ޕްރޮގްރާމްއިން 18 ޓަނުގެ ކުނި ވަނީ ހޮވާފައެވެ. މީގެ ތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ކުނި ގިނައަދަދަކަށް ހުއްޓެވެ.
މި ހަރަކާތުގައި އެޗްޑީސީގެ މުވައްޒިފުންގެ އިތުރުން ހުޅުމާލޭގައި ހަރަކާތްތެރިވަމުންދާ ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްޢިއްޔާތަކާއި އަދި ކުންފުނިތަކުންވެސް ބައިވެރިވިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 15 މީހުންގެ ގްރޫޕްތަކަށް ބަހާލައިގެންނެވެ.
މި ޕްރޮގްރާމް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިޔުމަށް އެޗްޑީސީއިން ވަނީ ނިންމާފައެވެ.