މި ހިނގާ 2020ވަނަ އަހަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ނިންމާލާނީ ދުވަހަކުވެސް ނުހޯދާ ވަރުގެ ފައިދާއެއް ހޯދައިގެންކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ، އެމްޓީސީސީއަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ކުންފުނިން ކުރިއަށް ގެންދާ "ކާމިޔާބު 40" މި ޕްރޮގްރާމަށް ދެއްވި ހާއްސަ ސްޕީޗެއްގައެވެ.

"ކާމިޔާބު 40" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވަނީ ކުންފުނީގެ ތާރީހަށް ކުޑަގޮތަކަށް އަލިއަޅުއްވާފައެވެ. އެގޮތުން، އެމްޓީސީސީ ފެށުން ވަރަށް ކުޑަ ގޮތަކަށް ކަމަށާއި އެހެންނަމަވެސް ގިނަ ހިދުމަތްތަކެއް ދިނުމުގެ ބޭނުމުގައި ކަން ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ، މިހާރު އެމްޓީސީސީއަކީ އެންމެ ގިނަ އިކުއިޕްމެންޓް އޮތް ދިވެހިރާއްޖޭގެ އެންމެ ބޮޑު ކުންފުނިކަމަށެވެ. އާޒިމް ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ ކާމިޔާބީގެ ފަހަތުގައިވަނީ ކުންފުނި ފެށުނީއްސުރެ މިއަދާއި ހަމައަށް މަސައްކަތް ކޮށްފައިވާ ހުރިހާ މުވައްޒިފުންގެ އެއްބާރުލުމެވެ. 

އެމްޓީސީސީއަކީ އުމްރާނީ ތަރައްގީއަށް އެންމެ ކުރިއަރާފައިވާ ކުންފުނިކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، އެމްޓީސީސީ ބައިވެރި ނުވާ އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއުއެއް މި ސަރުކާރުން ހިންގާފައެއް ނުވާނެކަމަށެވެ. ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެ މިހާރު ދޮޅު އަހަރުން ނިންމާލެވޭ ބަނދަރު 6 މަސް ދުވަހުން ނިންމާލެވޭނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މީހުން ބިނާކުރުމުގައި އެމްޓީސީސީއިން ކޮށްފައިވާ މަސައްކަތުގެ މައްޗަށްވެސް އާޒިމް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ގައުމަކަށް ލިބޭ އެންމެ ބޮޑު ކުރިއެރުމަކީ ގާބިލު ރައްޔިތުންތަކެއް އުފެއްދުން ކަމުގައިވާއިރު، އެމްޓީސީސީއިން އެފަދަ ގިނަ ރައްޔިތުން އުފައްދާފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެމްޓީސީސީގައި ވަޒީފާ އަދާކޮށްފައި ތިބި މުވައްޒިފުން ވާދަވެރި ކުންފުނިތައް އުފައްދައިގެން މަސައްކަތް ކުރަމުންދާތީ އުފާކުރައްވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއަކީ ހިއްސާ ވިއްކައިގެން ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުނީގައި 24،000 ހިއްސާދާރުން ތިބެއެވެ. އާޒިމްގެ ވާހަކަކޮޅުގައި ވަނީ އަހަރަކަށްވުރެ އަހަރެއް ޑިވިޑެންޓް ރަނގަޅު ވާނެކަމުގެ ޔަގީންކަން ހިއްސާދާރުންނަށް ދެއްވާފައެވެ. މިގޮތުން، ވޭތުވެދިޔަ އަހަރުތަކަށްވުރެ މި އަހަރު ފައިދާ ރަނގަޅުވާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއިން ކާމިޔާބުކަމާއެކު 40 އަހަރު ފުރިހަމަ ކޮށްފައިވާއިރު، އެ ކުންފުންޏަކީ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ އެއް ކުންފުންޏެވެ. "ކާމިޔާބު 40" ނަމުގައި އެމްޓީސީސީއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އާޒިމް ވަނީ އެ ކުންފުނީގެ އައު ސްލޯގަން "ރައްޔިތުންގެ ކުންފުނި"ވެސް އިފްތިތާހުކޮށްދެެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.