އާދިއްތަ ދުވަހުގެ ރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި އިންގްލޭންޑާއި އިޓަލީ ބައްދަލުކުރީ ޔޫރޯ 2020 ގެ ފައިނަލް މެޗުގައި އިންސާފުކުރާ ރެފްރީއަކަށް އުމުރުން 48 އަހަރުގެ ނެދަލޭންޑްސްއަށް އުފަން ބިޔޯން ކައިޕަރސް ހޮވިއްޖެއެވެ.

އޭނާ ވެގެންގޮސްފައިވަނީ ޔޫރޯގެ ފައިނަލެއްގައި އިންސާފުކުރާނެ ނެދަލޭންޑްސްގެ ފުރަތަމަ ރެފްރީއަށެވެ. އެގައުމުގެ ދަށް ފަންތީގެ ލީގުތަކުގައި އިންސާފު ކުރަމުންގޮސް ހޯދި ކުރިއެރުންތަކާއެކު ކައިޕަރސް އަށް ބައިނަލްއަގްވާމީ ރެފްރީކަން ކުރުމުގެ ހުއްދަ ލިބުނީ 2006 ވަނަ އަހަރުއެވެ. މިއީ އޭނާ ޔޫއެފާގެ މިފަދަ ބޮޑު މުބާރާތެއްގައި ރެފްރީކަން ކުރާނެ ހަތް ވަނަ ފަހަރެވެ.

އޭނާ ފާހަގަކުރެވިފައިވަނީ ދުނިޔޭގެ އެންމެ މުއްސަދި ރެފްރީގެ ގޮތުގައެވެ. އެގޮތުން ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ މިލްކިއްޔާތުގައި 11.5 މިލިއަން ޕައުންޑް އެބަހުއްޓެވެ. އޭނާއަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާގެ އަތުގައި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ޑިގްރީއެއް އޮންނައިރު އޭނާއަކީ ނެދަލޭންޑްސްގެ ކާމިޔާބު ސުޕަރމާކެޓް ޗެއިނެއް ކަމަށްވާ ޖަމްބޯ ކައިޕަރސްގެ ކޯފައުންޑަރެވެ.

މީގެކުރިން އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަކާއި ޔުއެފާ ޔުރޮޕާ ލީގުގެ ދެ ފައިނަލަކަށް އިންސާފުކޮށްފައެވެ. އަދި 2012 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން އެންމެފަހުން ކުޅުނު ދެ ވޯލްޑް ކަޕްގައި ވެސް އޭނާ އަކީ ރެފްރީންގެ ޓީމުގެ މެމްބަރެކެވެ.

މިއަހަރުގެ ޔޫރޯގައި އޭނާ ވަނީ މިހާތަނަށް ތިން މެޗެއް އިންސާފުކޮށްފައެވެ. އެއީ ގްރޫޕް ފިޔަވަހީގައި ޑެންމާކާއި ބެލްޖިއަމް ކުޅުނު މެޗާއި ސްޕެއިން އަދި ސްލޮވާކިއާ ކުޅުނު މެޗުގެ އިތުރުން ކުއާޓަރ ފައިނަލްގައި ޗެކް ރިޕަބްލިކާއި ޑެންމާކް ބައްދަލުކުރި މެޗެވެ.

ކައިޕަރސް އާއެކު ރެފްރީންގެ ޓީމުގައި ހިމެނެނީ ލައިންސްމަނުންގެ ގޮތުގައި ނެދަލޭންޑްސްގެ ސެންޑަރ ވެން ރޮކެލް އަދި އަރވިން ޒެއިންސްޓްރާގެ ހަތަރުވަނަ ރެފްރީގެ ގޮތުގައި ސްޕެއިން ކާލޯސް ޑެލް ސެރޯ ގްރާންޑޭއެވެ. ވީއޭއާރު ޓީމުގައި ހިމެނެނީ ޖަރުމަނުގެ ތިން ރެފްރީންނާއި ނެދަލޭންޑްސްގެ ރެފްރީއެކެވެ.

ކައިޕަރސްއަކީ މި ޔޫރޯގައި އިންސާފުކުރާ ރެފްރީންގެ ތެރެއިން އެންމެ އުމުރުން ދުވަސްވީ ރެފްރީ ކަމަށްވާއިރު މިއީ އޭނާ ބައިނަލްއަގްވާމީ މެޗެއްގައި އިންސާފުކުރާ އެންމެ ފަހު ފަހަރު ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އޭނާ ވަނީ މީގެކުރިން އިޓަލީ އާ އިންގްލޭންޑް ބައްދަލުކުރި މެޗެއްގައި ވެސް ރެފްރީކަން ކޮށްފައެވެ. އެގޮތުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި އިޓަލީއިން 2-1 އިން އިންގްލޭންޑް ބަލިކުރި މެޗުގައި އިންސާފުކުރީ ކައިޕަރސްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *