އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް އަދި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތައް އެެ ދެ ޓީމުން ކާމިޔާބުކުރިއިރު އާސެނަލް ކުޅުނު މެޗުން އެޓީމު އަނެއްކާ ވެސް ބަލިވެއްޖެއެވެ.
ލިވަޕޫލްއިން ވަނީ ކްރިސްޓަލް ޕެލަސްގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގައި ލިވަޕޫލްގެ ސަލާހު އާއި ފިރުމީނޯ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިދިންިއިރު އެޓީމަށް ދެން ލަނޑުތައް ޖަހައިދިނީ ސަދިއޯ މާނޭ އާއި މިނަމީނޯގެ އިތުރުން ކެޕްޓަން ޖޯޑަން ހެންޑަސަންއެވެ.
މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސައުތުހެމްޕްޓަން އަތުން ސިޓީ މޮޅުވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. ކެވިން ޑެބްރައިން ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމަށް މި ލަނޑު ޖަހައިދިނީ ރަހީމް ސްޓާލިންއެވެ.
އާސެނަލް ވަނީ ރަށުން ބޭރުގައި 2-1 އިން އެވަޓަން އަތުން ބަލިވެފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި އެވަޓަންއިން ޖެހިއިރު މި ލަނޑަކީ ރޮބް ހޯލްޑިންގ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ 35 ވަނަ މިނެޓުގައި ނިކޮލަސް ޕެޕޭގެ ޕެނަލްޓީއަކުން އާސެނަލް އެއްވަރުކުރިއިރު 45 ވަނަ މިނެޓުގައި އެވަޓަންގެ ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ޔެރީ މިނާއެވެ.
ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނާގައި 31 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު 26 ޕޮއިންޓާއެކު ދެވަނަ ލިބެނީ އެވަޓަންއަށެވެ. މެންޗެސްޓަރ ސިޓީއަށް 23 ޕޮއިންޓާއެކު ހަވަނަ ލިބޭއިރު އާސެނަލް އޮތީ 14 ޕޮއިންޓާއެކު 15 ވަނައިގައެވެ.