ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުން ބާސެލޯނާ އެއްވަރުވިއިރު އެ މެޗުގައި ލަނޑު ޖަހައި އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ޕެލޭ ހަދާފައިވާ ރެކޯޑާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަރާ ހަމަކޮށްފިއެވެ. 

އަމިއްލަ ދަނޑުގައި ވެލެންސިއާ އާ ދެކޮޅަށް ބާސާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ލަނޑު ޖަހާ ލީޑު ވެސް ނެގީ އެޓީމުންނެވެ. އެގޮތުން އެޓީމަށް މެޗުގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ޖަހައިދިނީ ޑިއަކްބީއެވެ. ބާސާއަށް އެއްވަރުކުރަން ލިބުނު ޕެނަލްޓީ 45 ވަނަ މިނެޓުގައި މެސީ ބޭކާރުކޮށްލި ނަމަވެސް އޭނާ ވަނީ ކީޕަރުގެ ސޭވްއާއެކު ރީބައުންޑަށް ބޯޅަ ނުކުތުމުން އަލްބާ ނެގި ހުރަސް ބޯލުން ގޯލަށް ވައްދާލާފައެވެ. 

ދެވަނަ ހާފުގައި ބާސާއިން ކުޅުނު ރަނގަޅުކޮށް އިތުރު ހަމަލާތަކެއް ފޮނުވާލިއިރު އެޓީމަށް 52 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ރޮނާލްޑް އަރައުހޯއެވެ. އެހެން ނަމަވެސް 69 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެކްސިމިލިއާނޯ ގޯމޭޒް ވަނީ ވެލެންސިއާއަށް އެއްވަރުކޮށްދީފައެވެ. މި މެޗުގައި ޖެހި ލަނޑާއެކު ބާސާއަށް 643 ލަނޑު ޖަހައިދީ މެސީ ވަނީ ސަންޓޯސްއާއެކު ޕެލޭ ގާއިމްކޮށްފައިވާ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. 

ސްޕެނިޝް ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސެވިއްޔާ ވެސް ވަނީ 1-1 އިން ރެއާލް ވަލަޑޮލިޑްއާ އެއްވަރުވެފައެވެ. ރަށުން ބޭރުގައި ވިޔަރެއާލް 3-1 އިން އޮސަސޫނާ އަތުން ބަލިވިއިރު ލެވަންޓޭއިން ވަނީ 2-1 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށްފައެވެ. އެލްޗޭގެ މައްޗަށް 3-1 އިން އަމިއްލަ ދަނޑުގައި އެޓްލެޓިކޯ ކުރި ހޯދިއިރު އެތުލެޓިކް ބިލްބާއޯއިން ވަނީ 2-0 އިން ހުއެސްކާ ބަލިކޮށްފައެވެ. 

ލަލީގާގެ އެއްވަނާގައި 29 ޕޮއިންޓާއެކު އެޓްލެޓިކޯ އޮތްއިރު ދެވަނައިގައި 26 ޕޮއިންޓާއެކު އޮތީ ރެއާލް ސޮސިއެޑާޑްއެވެ. ލަނޑުގެ ތަފާތުން ތިންވަނަ ރެއާލް މެޑްރިޑަށް ލިބޭއިރު ހަތަރުވަނާގައި އޮތީ ވިޔަރެއާލްއެވެ. އަދި ފަސް ވަނާގައި އޮތީ ބާސާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.