ސިޓީއެއް ހިއްގައިމުވާނީ ސާފުތާހިރުކަން ދެމެހެއްޓިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، "ސާފު ހުޅުމާލެ" ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތް ޝަރަފުވެރިކޮށްދެއްވަމުންނެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސްވަނީ ސާފުތާހިރުކަމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ. އެގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރާއި ހަވާލުވުމަށްފަހު ކުރިއަށްދިޔަ ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމްވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އިތުރަށް ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ކޮވިޑް-19ގެ ތެރޭގައި ދަސްވި އެންމެ މުހިންމު އެއް ފިލާވަޅަކީ ސާފުތާހިރުކަމެވެ. ހުރިހާ ބޭފުޅުންވެސް ޤައުމުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއަކަަށް ހަދަންޖެހޭކަމުށާއި ސިޓީ އެއް ހިއްގައިމު ސިޓީ އަކަށް ވެގެންދާނީ ސާފު ތާހިރުކަން ދެމެހެއްޓިގެންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
މިއަދު މި ފެށި ހަރަކާތުގައި ހުޅުމާލޭގެ 40 ސަރަޙައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.