ފަސް ހިދުމަތެއް ފޯރުކޮށްދިނުމަށް ހިޔާ ކޮމާޝަލް އިން ޖާގަދޫކުރުމަށް ހައުސިންގ ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ. އެޗްޑީސީއިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި މިފަހަރު އިއުލާންކޮށްފައިވަނީ ފާރމަސީއެއް، ކެފެޓީރިއާއެއް، ގްރޮސަރީ ސްޓޯރއެއް، ސުޕަރމާކެޓެއް، އަދި ކްލިނިކެއް އެޅުމަށް ހާއްސަކުރެވިފައިވާ ޖާގަތައް ކުއްޔައް ދިނުމަށެވެ.
އެޗްޑީސީއިން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި، ކްލިނިކެއް އެޅުމަށް 2،196 އަކަފޫޓުގެ ސަރަހައްދެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ފާރމަސީއެއް އެޅުމަށް 542 އަކަފޫޓު ދީފައިވާއިރު ސުޕަރމާކެޓެއް އެޅުމަށް ދެ ޖާގަދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 3000 އަކަ ފޫޓަށްވުރެ ބޮޑު ދެ ޖާގައެވެ.
ކެފެޓީރިއާ އެޅުމަށްވެސް 2 ޖާގަ ހާއްސަކުރެވިފައިވާއިރު އެއީ 926 އަކަފޫޓުގެ ސަރަހައްދަކާއި 1085 އަކަފޫޓުގެ ސަރަހައްދެކެވެ. ގްރޮސަރީ ސްޓޯރތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1000 އަކަފޫޓޫގެ ސަރަހައްދުތަކެކެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގައި އާންމުން ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެޗްޑީސީއިން އަންނަނީ ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިސްކިތާއި ސްކޫލެއް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެެވެ.