ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) 50 ޕަސެންޓަށް ވުރެ މަތިން ކާމިޔާބު ކުރާނެކަމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އިއްޔެ އެމްޑީޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައެވެ.

މި ޕްރެސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ މި އިންތިހާބުވެސް އެމްޑީޕީއިން ވަރަށް ރަނގަޅު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެކަމަށެވެ. އެގޮތުން 50 ޕަސެންޓަށް ވުރެ މަތިން ހޯދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް، އެމްޑީޕީ ވަރަށް، ވަރަށް ރަނގަޅު އަޣުލަބިއްޔަތަކުން މި އިންތިހާބު ކާމިޔާބު ކުރައްވާނެ. ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވުރެ މި އިންތިހާބުގައި ކާމިޔާބު ބޮޑުވާނެ. މަޖިލިސް އިންތިހާބުގައި އަޅުގަނޑުމެންނަށް ލިބުނީ 48 ޕަސެންޓް ޕޮޕުލާ ވޯޓުގައި، މިފަހަރު އަމާޒަކީ 50ގެ ލައިން ކްރޮސް ކުރުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުމަކީ އެމަނިކުފާނު އުންމީދުކުރައްވާ ގޮތް ކަމަށެވެ. އެގޮތުން، މާޗުމަހުގެ ކުރީ ކޮޅު އިންތިހާބު ބާއްވާނެކަމަށް ލަފާކުރެވޭ ކަމަށާއި، މާރޗު 5 ނުވަތަ 7ވަނަ ދުވަހަކީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެންމެ ރަނގަޅު ދުވަސްކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީއަކީ އިންތިހާބުތަކުގައި ކުރިމަތިލުމަށް އަބަދުވެސް ކެރޭނެ ޕާޓީއެއްގެ ގޮތުގައިވެސް ސިފަކުރެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީ އޮންނާނީ އަބަދުވެސް ވާދަކޮށްލާނެ އިންތިހާބެއް ނުލިބިފައެވެ.

"ޕޭރެންޓް ޓީޗާ އެސޯސިއޭޝަން އިންތިހާބުވެސް އަޅުގަނޑުމެންނަށް ހުޅުވާލައިފިއްޔާ ވާދަ ކުރާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ތާވަލުކުރެވުނީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. އެހެންނަމަވެސް، ކޮވިޑް-19ގެ ސަބަބުން ވަކި މުއްދަތެއް އިއުލާންކުރުމަކާއި ނުލައި އިންތިހާބު ފަސް ކުރެވުނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.