ކުރިޔަށް އޮތް އަހަރު ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ޚާއްސަ އިސްކަމެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެ ކުންފުންޏަށް 40 އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީއިން ގެނެސްދިން "ކާމިޔާބު 40" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ލާމަރުކަޒީ ނިޒާމުން އަސާސީ ހިދުމަތްތައް ދިނުމުގެ މުހިންމުކަން ކުރިޔަށް ވުރެ އެތައް ތަނެއް މުހިންމުވެފައިވާ ކަމަށް ގަބޫލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ކޮވިޑްގެ ސަބަބުން މާލެ ފުރަބަންދުކުރަން ޖެހުމުން އަތޮޅުތެރޭގެ ސިއްޚީ އަދި ދަތުރުފަތުރުގެ ނިޒާމް އެތައް ގުނައެއް ތަރައްގީކުރަން ޖެހިފައިވާކަން ގަބޫލުކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ވެސް އެންމެ ބޮޑު ގޮންޖެހުންތައް ކުރިމަތިވާ އެއް ހިދުމަތަކީ ދަތުރުފަތުރުކުރުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަންނަ އަހަރުގެ ތެރޭގައި ކަނޑު ދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ތަރައްގީގެ މުޅިން އައު މަޝްރޫއުތަކެއް ކުރިޔަށް ގެންދަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ އަންނަ އަހަރު 17 ރަށެއްގެ ބަނދަރު ހެދުމާއި، 27 ރަށެއްގެ ބަނދަރުގެ ފެންވަރު މަތިކުރުމާއި، ދެ ރަށެއްގައި ސަރަހައްދީ ބަނދަރު ގާއިމްކުރުމުގެ އިތުރުން ބަނދަރު ތޮށިލުމުގެ 5 މަޝްރޫއުއެއް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ 22 ރަށެއްގެ މަގުތައް ހެދުމާއި، 23 ރަށެއްގެ ބިން ހިއްކުމާއި، 79 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ފެށުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.