ނިމިގެން މިދާ 2020 ވަނަ އަހަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ތާރީހުގައި ވެސް އެންމެ ފައިދާ ބޮޑުވާނެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ އެ ކުންފުންޏަށް 40 އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީއިން ގެނެސްދިން "ކާމިޔާބު 40" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ގައުމީ ތަރައްގީގައި އެމްޓީސީއިން ހިއްސާކުރަމުންދާ ރޯލަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކޮށްދިނުމުގައި އެމްޓީސީސީއިން އަދާކުރަމުން ދަނީ ނަމޫނާ ދައުރެއް ކަމަށެވެ.

އެމްޓީސީސީގެ 40 އަހަރުގެ ތާރީހުގައި ކުންފުނީގެ ހިންގުން ގޯސްވެ ފައިދާއެއް ނުވެ ހިންގަން ޖެހުނު ދުވަސްތައް ވެސް އައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮވިޑްގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް މިއަހަރު ވެގެންދާނީ އެމްޓީސީސީގެ ތާރީހުގައި ވެސް އެންމެ ބޮޑު ފައިދާއެއް ލިބޭ އަހަރަށް ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ރައީސް ވަނީ އެމްޓީސީސީގެ ހިންގުންތެރި ލީޑަރޝިޕަށާއި އެންމެހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ. 

އަންނަ އަހަރުގެ ރަށްރަށުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގަން ހުރިކަން ފާހަގަކުރައްވައި ރައީސް ވަނީ އެމްޓީސީސީއާ ހަވާލުކުރެވޭ މަޝްރޫއުތައް ވަގުތަށް ނިންމައި އެ ކުންފުންޏާއި މެދު އުފެދިފައިވާ އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

ރައީސް މިހެން ވިދާޅުވިއިރު މިއަހަރުގެ ފުރަތަމަ 9 މަހު އެމްޓީސީސީއަށް ވަނީ 140 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް އަދި އެންމެ ބޮޑު ސާފު ފައިދާއެއް ވެސް ލިބުނު އަހަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.