ޤާނޫނު ނަންބަރު 2020/28 (އިންތިޤާލީ އިންސާފުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ)ގެ ދަށުން "އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވައިފިއެވެ. 

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވެވި އިންތިޤާލީ އިންސާފުގެ ޤާނޫނު (ޤާނޫނު ނަންބަރު 2020/28) ގެ 4 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އޮފީހެކެވެ. މި ބިލް ރައީސް ތަސްދީގުކުރެއްވީ ބުރާސްފަތި ދުވަހުއެވެ. 

އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.

މި ޤާނޫނުގައި އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސްޢޫލިއްޔަތުތަކާއި، އެ ފަރާތުގެ ބާރުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެއާއެކު މި ޤާނޫނުގައި އޮމްބަޑްސްޕަރސަންގެ އޮފީހުން މަސައްކަތްކުރަން ވާނީ، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، ތަޢައްޞުބުން އެއްކިބާވެތިބެ، މި ޤާނޫނުގެ މަޤްޞަދުތައް ހާސިލުވާނެ ގޮތުގެމަތިންކަމުގައި ބަޔާންކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.