ދިވެހިރާއްޖެއިން ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަ އެއް ކަމަކީ އިގްތިޞާދު ސިންދަފާތުކުރުމަށް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޒު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒު މިގޮތަށް ވިދާޅުވީ ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް ގެންދާ "ނޫ ރާއްޖެ" ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާއި އިގްތިޞާދު ކަނޑުތަކާއި ގުޅިލާމެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް ޖައްވަށް ދޫކުރަމުންދާ ވިހަ ގޭސްތަކުގެ ސަބަބުން ދުނިޔެ ހޫނުވެ ކަނޑުތަކުގެ ދިރުމަށް ވެސް އަސަރުކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިކަންކަމާއި ދެކޮޅަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވަމުން ފައްޔާޒު ވަނީ ރާއްޖޭގެ ކަނޑު ފަޅުތަކާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާ ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އިސްކަން ދެމުންދަނީ އިގްތިޞާދު ސިންދަފާތުކޮށް ޕްރައިވެޓް ސެކްޓަރ ބާރުވެރިކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މި ހުރިހާ ކަމެއް ވެސް ކުރަމުންދަނީ ތިމާވެށި ހިމާޔަތްކުރުމަށް އިސްކަން ދެވިގެން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން މިއީ ވަރުގަދަ އިގްތިޞާދެއް ބިނާކުރުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިލައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތައް ކުރިއެރުވޭނެ ގޮތްތައް ހޯއްދަވަމުން ގެންދަވާ ކަމަށާއި އެކަން ކުރައްވަމުން ގެންދަވަނީ ތިމާވެށި ހިމާޔަތްކޮށް ތަރައްގީ ގެނެވޭނެ ފަދަ ގޮތަކަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ވަރަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާތަކާއި، އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދާނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.