މާލެ ސިޓީގައި އިތުރު ފަޔަރ ހައިޑްރަންޓް ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ އެމްއެންޑީއެފްއިން ރައްޔިތުންނަށް ފޯރުކޮށްދޭ އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ. މި ފަޔަރ ހައިޑްރަންޓްތައް ހަރުކުރަމުން އަންނަނީ މަޖީދީ މަގުގައެވެ.
އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި އަލިފާން ނިއްވުމަށް ފެން ފޯރުކޮށްދިނުމަށް މަޖީދީމަގުގައި ފަޔަރ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ މިމަހުގެ 13 ވަނަ ދުވަހުއެވެ. މަޖީދީމަގުގައި ޖުމުލަ 12 ހައިޓްރަންޓް ބެހެއްޓުމަށް ނިންމާފައިވާއިރު، މިހާތަނަށް ތިން ހައިޑްރަންޓް ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.
އެގޮތުން، މަޖީދީމަގުގެ މާފަންނު މަދަރުސާ ކައިރީގައާއި، މާފަންނު ސަހަރާ ކައިރީގައި އަދި ޝާރިއުވަރުދީ ކައިރިން މަޖީދީމަގުގައި ހައިޑްރަންޓްތައް ހަރުކޮށް ވަނީ ނިމިފައެވެ. އަދި، އަސަރީގޯޅި ކައިރިން މަޖީދީމަގުގައި ހަތަރުވަނަ ހައިޑްރަންޓް ބެހެއްޓުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރެވެމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.
މި މަސައްކަތް އަމަލީ ގޮތުން ކުރަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއާއި އެމްޑަބްލިޔުއެސްސީ ގުޅިގެންނެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހަށް މި މަސައްކަތް ނިންމުމަށް ވަނީ އަމާޒުކުރެވިފައެވެ.