ދިވެހިންނަށް އިޤްތިޞާދީ ގޮތުން ކުރެއެރުންތައް ހާސިލު ކުރެވޭނީ، އަދި ކުރަންވާނީ ވެސް، ކަނޑުތަކާ ރަޙުމަތްތެރި އާދަތަކެއްގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް ގެންދާ "ނޫ ރާއްޖެ" ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާއި، ޤައުމުގެ އިޤްތިޞާދާއި ކަނޑުފަޅުތަކާ އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއެކު އެއްބަސްވުމެއް އެކުލަވައިލައި، މަސައްކަތް ކުރައްވަން ނިންމެވީ، ދިވެހިން މި ކަނޑުފަޅުތަކަށް ބަރޯސާވާ މިންވަރު ބޮޑުކަމުން ކަމުގައި ވިދާޅުވިއެވެ. 

އަޅުގަނޑުމެންގެ ކަނޑުފަޅުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް އަޅުގަނޑުމެން ނުކުޅެދިއްޖެ ހާލަތެއްގައި، އަޅުގަނޑުމެންގެ ޞިއްޙަތާއި، ދިރިއުޅުމާއި، އިޤްތިޞާދު ވެސް ސަލާމަތްކުރުމުގެ ފުރުޞަތު ގެއްލިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ނޫ އިޤްތިޞާދެއް ބިނާކޮށް، ތިމާވެއްޓާ ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތްތަކެއްގެ މަތިން ތަރައްޤީއާއި ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއަކީ ނޫ އިޤްތިޞާދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމުޢިއްޔާތަކެއްގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަޤްވާމީ ވިއުގައެކެވެ. ކަނޑުތަކާއި ފަޅުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައެވެ.

2024 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ވަރަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާތަކާއި، އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދާނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދާނެއެވެ. 


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.