ދިވެހިރާއްޖޭގެ ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން ކުރިޔަށް ގެންދާ "ނޫ ރާއްޖެ" ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ. 

ބުދަ ދުވަހުގެ ރޭ ވަރޗުއަލްކޮށް ކުރިޔަށް ގެންދިޔަ ހަފްލާއެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މި ޕްރޮގްރާމްްއަކީ ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގްރާމްއެކެވެ. 

2024 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ވަރަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާތަކާއި، އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދާނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދާނެއެވެ. 

މި ޕްރޮގްރާމް މެދުވެރިކޮށް، ނޫ އިޤްތިޞާދެއް ބިނާކުރުމުގައި ޤުދުރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިއަށް ދިއުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވައިލުމާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ 20 އިންސައްތައަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ސަރުކާރުގެ މަޤްޞަދެކެވެ.

ނޫ ރާއްޖެ ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވި ހަފުލާގައި، މި ޕްރޮގްރާމްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށްދިޔައެވެ.

ކަނޑުތަކާއި ފަޅުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.