ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީން ކުރިއަށްގެންދިޔަ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތުގެ އިންކުއަރީގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ މި ރިޕޯޓް 241 ކޮމިޓީއިން ފާސްކުރިއިރު މަޖިލީހުން މި ރިޕޯޓް ފާސްކުރީ ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ މި އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ. މި ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މެމްބަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

މި ރިޕޯޓް ފާސްކުރީ މިރޭގެ ޖަލްސާއަށް ހާޒިރުވި 58 މެމްބަރުންގެ އިއްތިފާގުންނެވެ. މި ޖަލްސާގައި ރިޕޯޓަށް ބަހުސް ކުރުމަށް އެދިވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ޖަލްސާގެ ވަގުތު ވެސް އިތުރުކޮށްފައިވެއެވެ.

ރިޕޯޓް ފާސްކުރީ ހެންވޭރު ހުޅުނގު ދާއިރާގެ މެމްބަރު ހަސަން ލަތީގް ހުށަހެޅުއްވި އިސްލާހާއެކުގަ އެވެ. އެ އިސްލާހަކީ އޭޑީކޭގެ ޑޮކްޓަރުންގެ މަސައްކަތް ފާހަގަކޮށް، އަކުރެއް އިތުރުކުރުމަށް ހުށަހެޅުުއްވި އިސްލާހު އެވެ. އެ އިސްލާހް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުން ވޯޓުންނެވެ.

ރިޕޯޓްގައި ހިމަނާފައިވާ ރެކޮމެންޑޭޝަންތައް:

  1. ޓެރަރިޒަމާއި ގުޅުން ހުރި އިންޓެލިޖެންސް ދާއިރާގެ މައުލޫމާތު ބަދަލުކުރުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޓެރަރިޒަމް މާނާކުރުމުގެ ގާނޫނުގެ 19 ވަނާ މާއްދާގެ 3 ވަނަ ނަންބަރުގައި ހ. ގައި ބަޔާންކޮށްފައިވާ ޓެރަރިޒަމާއި ގުޅުން ހުރި އިންޓެލިޖެންސް އެއްކުރާ މައުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމްވެފައި އަޮތުމަކީ އެ ގާނޫނު ލާޒިމްކުރާ އަދި މުހިންމު ކަމެއް ކަމަށްވާތީ އެ ގާނޫނުގައި ބަޔާންކުރާ އޮނިގަނޑު ގާއިމްކޮށް އެ އޮނިގަނޑަށް އަމަލުކުރަން ފެށުން
  2. ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަންކަމާއި ގުޅޭ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފް އިން އަދި ފުލުހުން އަދި ޓެރަރިޒަމް މަނާކުރާ އިދާރާތަކުގެ ތެރޭގައި ހިއްސާކުރާނެ "ހާމޮނައިޒްޑް" ޑާޓާ ސިސްޓަމެއް ވީ އެންމެ އަވަހަކަށް އެކުލަވާލުން
  3. ރާއްޖޭގެ ކުށުގެ މާހައުލާއި ގައުމީ ސަލާމަތާއި ބެހޭ ކަންތަތަކާއި ގުޅިގެން އިންޓެލިޖެންސާއި މައުލޫމާތު އެއްކުރުމާއި، ބެލެހެއްޓުމާއި އެ މައުލޫމާތު އަދި އިންޓެލިޖެންސް ސަލަމަތީ ހިދުމަތްތަކުގެ މެދުގައި ރައްކާތެރިކަމާއެކު ބަދަލުކުރެވޭނެ ގޮތާއި ހިއްސާކުރެވޭނެ ގޮތާއި އަދި ކައުންޓަރ ޓެރަރިޒަމް ދައުރު އަދާކުރާ އިދާރާތަކުގައި މެދުގައިވާ ފުށުއެރުންތައް ނައްތާލުމަށް އިދާރާތަކުގެ ދައުރުތައް ސާފުކޮށް ކަނޑައަޅައި ވަކިކޮށް ބަޔާންކޮށް ނޭޝަނަލް އިންޓެލިޖެންސް އެކްޓެއް އެކުލަވާލުން
  4. ރާއްޖޭގެ މިއަދުގެ ރައްކާތެރިކަމުގެ މާހައުލު ބަލައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑަައަޅާފައިވާ އިދާރާތަކުން ކުރުމަށް ހުރި މަސައްކަތްތަކަށް ރިއާޔަތްކޮށް އެ އިދާރާތަކުގެ މަސައްކަތްތަކުގެ އޮޑިޓެއް ބެލުން. އޭގެ ތެރޭގައި ހަރަދުތައް ބަލައި އެ އިދާރާތަކަށް ވަސީލަތުގެ އިތުރުން ކައުންޓަރ ޓެރަރިޒަމްގެ ބަޖެޓެއް އެކުލަވާލާނެއެވެ. އަދި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް އެކުލަވާލާފައިވާ ހޯލް ގަވަރމެންޓް އަދި ހޯލް ސޮސައިޓީ އެޕްރޯޗްގެ ސިޔާސަތު ތަންފީޒްކުރުން އަވަސްކުރުން.
  5. ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް ކުރާ މަސައްކަތުގައި އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ޖެންޑަރ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އެކަންތައްތައް ކުރުން
  6. ގައުމީ ސަލާމަތާއި ގުޅުން ހުރި ކަންކަމުގައި އެމްއެންޑީއެފް އާއި ފުލުހުންނާއެކު މަޝްވަރާކޮށް ކަންކަމަށް ހައްލު ހޯދައި ރައީސުލްޖުމްހޫރިއްޔާއަށް އިރުޝާދު އެރުވުމަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް އައްޔަނުކުރުން
  7. ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނު ހަރުދަނާކޮށް ތަންފީޒްކުރުން
  8. ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ޑޭޓާތައް ހޯދުމަށް ހުރި ގޮންޖެހުންތަކެއް މުރާޖާކޮށް އެ މައްސަލަތަކަށް ހައްލު ހޯދުން
  9. ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ ގޮވާއެއްޗެއް ބޭނުންކޮށްގެން ޓެރަރިޒަމްގެ ހަރަކާތެއް ހިންގައިފިނަމަ މުޖުތަމައު ރައްކާތެރިކުރުމަށް ސަލާމަތީ ހިދުމަތްތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންޖެހޭ ގޮތާއި އެފަދަ ހާލަތުގައި އެމްއެންޑީއެފްގެ ދައުރު އަދާކުރަން ޖެހޭ އުސޫލާއި އެމްއެންޑީއެފް އަދި ފުލުހުން އެކުގައި މަސައްކަތްކުރަން ޖެހޭ އުސޫލްތައް ސާފުކޮށް ބަޔާންކޮށް ތަންފީޒްކުރުން
  10. ފުލުހުންގެ ކައުންޓަރ ޓެރަރިޒަމް ދައުރު ފުޅާކޮށް ބާރުވެރިިކުރުވުމާއެކު ރާއްޖޭގެ ސެކިއުރިޓީ އަދުގެ މާހައުލަށް ބަލައި ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތްތަކަށް ބޭނުންވާ މިންވަރަށް މުވައްޒިފުން އަދި ތަމްރީން އިތުރުކުރުމާއި ޓެކްނިކަލް އަދި އިންޓެލިޖެންސް މަސައްކަތްތަކުގެ ގާބިލްކަމާއި ވަސީލްތްތައް އިތުރުކުރުމާއި ވަސީލަތްތައް ހޯދުމާއި ބޭނުންކުރުމުގައި މިފަދަ މަސައްކަތަށް ބޭނުންވާ މިންވަރަށް ކައުންޓަރ ޓެރަރިޒަމް ބަޖެޓެއް ފުލުހުންނަށް ފޯރުކޮށްދިނުން
  11. ސިފައިންގެ ގާނޫނު އިސްލާހުކޮށް އަސްކަރިއްޔާގެ ހިންގުމަށް ގެންނަން ޖެހޭ ޒަމާނީ ބަދަލުތައް ގެނެސް މުވައްސަސާ ހިންގުމަށް ގެންނަން ޖެހޭ ބަދަލުތައް ސާފުކޮށް ބަޔާންކޮށް ނޭޝަނަލް ސެކިއުރިޓީ އެކްޓެއް އެކުލަވާލުން
  12. އެމްއެންޑީއެފްގެ އިދާރީ، އިންޓެލިޖެންސް އަދި އޮޕަރޭޝަނަލް ކަންތައްތަކަށް ބޭނުންވާ އެންމެހާ އުސޫލްތަކާއި އެސްއޯޕީތައް ހެދުމާއި އަދި މިހާތަނަށް ހަދާފައި ހުރި އުސޫލްތަކާއި އެސްއޯޕީތައް އަދާ ހަމަކުރުން
  13. ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން އިރު އެމަނިކުފާނާއެކު ހަރަކަތްތެރިވި ކްލޯސް ޕްރޮޓެކްޝަން ޓީމުގެ ތިން މެމްބަރުން ދެއްކެވި އާދަޔާ ހިލާފް ހިތްވަރާއި އިހްލާސްތެރިކަމާއި ދެއްކެވި ސާބިތުކަން މުވައްސަސާގެ ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ފާހަގަކުރުން
  14. އިންޓެލިޖެންސް ދާއިރާއަށް ޒަމާނީ ތަރައްގީ ގެނައުމަށް އިންވެސްޓްކޮށް، ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސްގެ ގާބިލްކަން އިތުރުކޮށް ޒަމާނީ ވަސީލަތްތައް ހޯދުމަށް ބަޖެޓް ކަނޑައެޅުން
  15. ސެކިއުރިޓީ އިންޓެލިޖެންސްގެ ދާއިރާއިން އެކަށީގެންވާ ތަމްރީންދީ މީހުން ބިނާކުރުން
  16. ޓެރަރިޒަމްގެ އަމަލު ހިންގާ މީހުންނާއި ހަރުކަށި ފިކުރު ފަތުރައި އެކަންކަމަށް ހަރަދުކުރާ މީހުންގެ ވޮޗް ލިސްޓެއް ގާއިމްކުރުން
  17. ވޮޗް ލިސްޓަށް ފްލެގް ވުމަށްފަހު އެފަރާތްތަކުގެ ތަހުގީގާއި ޝަރުއީ އަދި ބަންދުގެ މަރުހަލާ ހިމެނޭހެން މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމްކުރުން
  18. ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ގުޅޭ ކަންކަން ޝަރުއީ ދާޢިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ހިއްސާކުރުމާއި ފަންނީ ފަރާތްތަކަށް ނިޒާމްގެ ތެރެއިން ތަމްރީނާއި ތާޒާ ކުރުމުގެ ޕްރޮގްރާމްތައް ގަވާއިދުން ހިންގުން
  19. ފްލެގްވާ މީހުން ރިހެބިލިޓޭޓްކޮށް ނިމެންދެން އަމަލުކުރާނެ ފްރޭމްވޯކެއް އެކުލަވާލައި ތަންފީޒްކުރުން
  20. ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ވަކިވަކި ފަރާތްތަކުގެ އަމަލުތަކަށް ބަލައިގެން ޕްރޮގްރާމް ހިންގުމުގައި ފަރާތްތައް ގިންތިކޮށް ފަރުވާ ކުރިޔަށް ގެންދިޔުން
  21. ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގެ އިހްތިސާސްތައް މުރާޖާކޮށް އެ މުއައްސަސާގެ ބެލެނިވެރިކަން ބަދަލުކުރުން
  22. ހަރުކަށި ފިކުރަށް ހުށަހެޅިފައިވާ މީހުން ފާހަގަކުރެވުމުން އަމަލު ކުރާނެ ގޮތާއި ރިޕޯޓް ކުރާނެ ގޮތް އާންމުންނަށް ސާފުކޮށް ބުނެދިނުން
  23. މީޑިއާތަކުން ގެނެސްދޭ ޕްރޮގްރާމްތަކުގައި ހަރުކަށި ފިކުރާއި ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ދައްކާ ވާހަކަތަކަށް މީޑިއާތަކުން ސަމާލުވާނެ ގޮތްތަކާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއިން މީޑިއާތަަކަށް މައުލޫމާތުދީ އަހުލުވެރިކުރުވުން. ހަރުކަށި ފިކުރަށް މީހުން ހުށަހެޅުމަށް ހިތްވަރު ލިބޭ ގޮތަށް މުއާމަލާތްކުރަމުންދާ މީހުން ހޯދައި އެފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް އެކުލަވާލުން
  24. ސަލާމަތީ ހިދުމަތްތަކުގެ އެކި އިދާރާތަކުގެ މަސައްކަތްކުރާ ފަރާތްތަކަކީ އަދި ހާއްސަކޮށް ފަންނީ ފަރާތްތަކަކީ އެކަށީގެންވާ ތައުލީމާއި ތަމްރީން ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން
  25. ތައުލީމީ ނިޒާމުގެ ތެރެއިން ހަރުކަށި ފިކުރާއި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ހިންގާ އެކިއެކި ކަންކަން ދެނެގަނެ އެކަންކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަލުވިކޮށް އެޅުން
  26. ޖަލުތަކުން ހަރުކަށި ފިކުރު ފަތުރާ ދޮރުތައް ބަންދުކޮށް އެ ފިކުރު ފެތުރުން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ހަރުކަށި ފިކުރަށް ތާޢިދުކުރާ މީހުންގެ ބަންދުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން
  27. ޖަލުތަކުގައި ގައިދީންނަށް ހިންގާ ދީނީ ހޭލުންތެރިކަމުގެ އެކިއެކި ޕްރޮގްރާމްތަކަކީ ދީނީ ހަރުކަށި ފިކުރުގެ ފަލްސަފާއަށް ތާއިދުކޮށް އެ ފަލްސަފާ ފެތުރުމަށް މަސައްކަތްކުރާ އިލްމެރިން ހިންގާ ޕްރޮގްރާމްތަކެއް ނޫންކަން ކަށަވަރުކުރުން
  28. ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން އިންކުއަރީއަށް ފާހަގަކުރެވުނު ކަންތައްތަކަށް ސަރުކާޜުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން
  29. ބޮމުގެ ހަމަލާއާ ގުޅޭ އިންކުއަރީއިން މަގާމުގެ ޒިންމާ އަދާކޮށްފައިނުވާ ކަމަށް ފާހަގަކުރެވޭ މީހުންނާ އިހުމާލުވެފައިވާ ފަރާތްތަކާއި ގުޅިގެން އިތުރު ކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅު އެޅުން
  30. ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓަށް މައުލޫމާތު ލިބުމުން އަމަލުކުރަން ޖެހޭ އުސޫލްތަކާއި އަދި ތަަހުގީގީ އިދާރާއަކަށް މައުލޫމާތު ހިއްސާކުރަން ޖެހޭ އުސޫލްތައް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އެއެް ހަމަކޮށް އެފްއައިޔޫ ހަރުދަނާކޮށް މުރާޖާކުރެވޭނެ ގޮތްތައް ދެނެގަތުން
  31. ޓެރަރިޒަމް ފައިނޭންސް ކުރަން ހުއްޓުވުމަށް މަސައްކަތްކުރާ ހުރިހާ އިދާރާތަކުގެ މެދުގައި އިސްތިރާޖީ މަސައްކަތްތައް ރާވައި ހަރުދަނާކުރުން.
  32. މަނީ ލޯންޑަރިންގެ ގާނޫނު އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުުވުމުގެ ގާނޫނަށް އިސްލާހު ގެނައުން
  33. މަނީ ލޯންޑަރިންގެ ގާނޫނު އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް ހުރި ގޮންޖެހުންތައް މިޓިގޭޓް ކުރުމަށް ގައުމީ ފެންވަރުގައި ހިރާސްތައް އެކުލަވާލެވިފައި ގޮތުގެ އެސެސްމެންޓެއް ހަދައި އިސްލާހީ ފިޔަވަޅު އެޅުން
  34. އެފްއައިޔޫގެ ފަންނީ ގާބިލްކަން އިތުރުކުރުން
  35. އެފްއައިޔޫ އަށް އެނަލިޓިކަލް ޓޫލްސް ހޯދުމަށް ބަޖެޓް ފޯރުކޮށްދިނުން
  36. ރައީސް ނަޝީދަށް އޮތް ތްރެޓާއި އެއް ފެންވަރަކަށް އެމަނިކުފާނުގެ ސެކިއުރިޓީ ހަމަޖެއްސުން
  37. ޑިފެންސް އިންޓެލިޖެންސް ސާރވިސްގެ ތްރެޓް އެސެސްމެންޓްތަކަށްފަހު ދޭ ރެކޮމެންޑޭޝަންތައް ތަންފީޒްކުރުން
  38. ރައީސް ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ގަވާއިދުން ޝެޑިއުލް ކުރެވިގެން 'ރިފްރެޝަރ' ތަމްރީން ދިނުން
  39. ރައީސް ނަޝީދު ގެކޮޅުގައި އުޅުއްވާ ވަގުތުތަކާއި އަދި ނޫޅުއްވާ ވަގުތުތައް ހިމެނޭ ގޮތަށް، އެކްސެސް ކޮންޓްރޯލް ކޮށް، ހަތިޔާރާއެކު 24 ގަޑިއިރު ފޯރިމެރުން
  40. ރައީސް ނަޝީދުގެ ގެކޮޅު ސަރަހައްދު ސީސީޓީވީއާއެކު މޮނިޓަރ ކުރުން
  41. ރައީސް ނަޝީދުގެ ގެކޮޅުގެ އިވެކިއޭޝަން ޕްރޮސީޖަރޒް ކަނޑައަޅައި، އެ ޕްރޮސީޖަރތަކާއި ގުޅޭގޮތުން ކްލޯސް ޕްރޮޓެކްޝަން ޓީމްތައް ތަމްރީންކުރުން
  42. ރައީސް ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފުލުހުންގެ އެހީތެރިކަން ހޯދަން ޖެހިއްޖެ ހާލަތުގައި ފުލުހުންގެ އެހީތެރިކަން ހޯދުން
  43. ރައީސް ނަޝީދު ބޭނުންކުރައްވާ ކާރުކޮޅަކީ އާމާރޑް ކާރުކޮޅެއްކަން ކަށަވަރުކޮށް، ކާރުކޮޅު ބޭނުންކުރެއްވުމުގެ ކުރިން އޭގެ ހާލަތު ރަނގަޅަށް ބެލުން
  44. ރައީސް ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގައި އީއޯޑީ ތަމްރީން ފުރިހަމަކޮށްފައިވާ ފަރާތްތައް ހިމަނައި، އެ ޓީމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން
  45. ރައީސް ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ފަރާތްތަކަކީ ޑިފެންސް އިންޓެލިޖެންސް ސާރވިސް އަދި ފުލުހުން ވެޓްކޮށްފައިވާ ބަޔެއްކަމަށް ލާޒިމްކުރުމާއި އެފަރާތްތައް އަހަރަކު އެއް ފަހަރު ވެޓްކުރުން.

މި ރިޕޯޓްގައި ބަޔާންކޮށްފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒްކުރުމަށް ބަހުސްގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ ގޮވާލައްވާފައެވެ.

މި އިންކުއަރީގެ ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައެވެ. މި އިންކުއަރީ ކުރިޔަށް ގެންގޮސްފައިވަނީ 17 މެއި 2021 ގައި ބޭއްވި މަޖިލިސް ޖަލްސާގައި އިގްރާރު ވެފައިވާ ގޮތަށް 241 ކޮމިޓީގެ އިސް ނެގުމަށެވެ. މިއީ މިފަދަ މައްސަލައެއްގައި މަޖިލީހުން އިންކުއަރީއެއް ކުރިޔަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *