ބޭރު ގައުމަކުން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަހައްދަށް އަންނަ ފަރާތްތައް ކަރަންޓީނު ވާން ނުޖެހޭގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅައިފިއެވެ.
ރާއްޖެއިން ބޭރުން އަންނަ ދިވެހިން އަދި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކުން ދެން ދަތުރުކުރަންވާނީ 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. 1 އަހަރުގެ ދަށުގެ ކުދިން މިކަމުން އިސްތިސްނާވެގެންވާއިރު، މި ފަދަ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ދަތުރުކުރާ ފަރާތްތަކުން މާލެ ސަރަހައްދަށް އަންނަ ނަމަ ކަރަންޓީނު ވާން ނުޖެހޭނެއެވެ.
އެހެންނަމަވެސް، 10 ދުވަހުގެ މުއްދަތަކަށް ގޭގައި އެކަހެރިވެ ހުރުން އެދެވިގެންވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި، ރާއްޖެއިން ބޭރުން އައިސް ރިސޯޓުތަކަށާއި ރަށްރަށް ދަތުރުކުރާ ފަރާތްތަކާއި، މާލެ ސަރަހައްދަށް އަންނަ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއާއި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒިފުން 10 ދުވަހަށް ކަރަންޓީނު ވާންޖެހޭނެއެވެ. ކަރަންޓީނުން ދޫކޮށްލެވޭނީ ޓެސްޓްހަދައި ނެގެޓިވްް ވުމުންނެވެ.
އިތުރަށް އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު މާލެ ސަރަހައްދުގައި ކަރަންޓީނުވެފައި ތިބި ފަރާތްތައް ޕީސީއާރު ޓެސްޓް ހެދުމަށްފަހު ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނުން ދޫކޮށްލެވޭނެއެވެ. ޓެސްޓް ހެދުމުގެ އިންތިޒާމްތައް އެޗްޕީއޭއިން ދަނީ މިހާރު ހަމަޖައްސަމުންނެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި އުސޫލަށް އަމަލުކުރަން ފަށާނީ 20 ޑިސެމްބަރު 2020 އިން ފެށިގެންނެވެ. މި މުއްދަތުގެ ކުރިން ރާއްޖެއިން ބޭރުން މާލެ ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން ޕީސީއާރު ހަދައި ނަތީޖާ ނެގެޓިވްވަންދެން ގޭގައި ކަރަންޓީނުވާންޖެހޭނެއެވެ.