ކުރު މުއްދަތުގެ މަސައްކަތްތަކަށާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިޒޯޓުތަކަށް ޗުއްޓީއަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންސް އަށް ބަދަލުގެނެސްފިއެވެ.

އެ އޭޖެންސީއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ކުރު މުއްދަތުގެ މަސައްކަތްތަކަށާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިޒޯޓުތަކަށް ޗުއްޓީއަށް ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރަންވާނީ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއަކާއެކުއެވެ. މިގޮތަށް ރިޒޯޓުތަކަށް ދަތުރުކުރާ ފަރާތްތަކަށް ހުރުމާއި ކެއުމުގެ ކަންކަން ރިޒޯޓުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ވަކިން ހަމަޖެހިފައިހުންނަން ވާނެކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

އަދި، ރިޒޯޓުގައި ކަރަންޓީނު ވާން ނުޖެހުނަސް، މާލެ ސަރަހައްދު ފިޔަވައި އެހެން ރަށަކަށް މި ފަރާތްތަށް ދަތުރުކުރާނަމަ 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާން ޖެހޭނެކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެއިތުރުން، ރާއްޖެއިން ބޭރުން އަންނަ ދިވެހިން އަދި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކުން ދެން ދަތުރުކުރަންވާނީ 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. 1 އަހަރުގެ ދަށުގެ ކުދިން މިކަމުން އިސްތިސްނާވެގެންވާއިރު، މި ފަދަ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ދަތުރުކުރާ ފަރާތްތަކުން މާލެ ސަރަހައްދަށް އަންނަ ނަމަ ކަރަންޓީނު ވާން ނުޖެހޭނެއެވެ. 

އެހެންނަމަވެސް، 10 ދުވަހުގެ މުއްދަތަކަށް ގޭގައި އެކަހެރިވެ ހުރުން އެދެވިގެންވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި، ރާއްޖެއިން ބޭރުން އައިސް ރިސޯޓުތަކަށާއި ރަށްރަށް ދަތުރުކުރާ ފަރާތްތަކާއި، މާލެ ސަރަހައްދަށް އަންނަ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއާއި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒިފުން 10 ދުވަހަށް ކަރަންޓީނު ވާންޖެހޭނެއެވެ. ކަރަންޓީނުން ދޫކޮށްލެވޭނީ ޓެސްޓްހަދައި ނެގެޓިވްް ވުމުންނެވެ.

އިތުރަށް އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު މާލެ ސަރަހައްދުގައި ކަރަންޓީނުވެފައި ތިބި ފަރާތްތައް ޕީސީއާރު ޓެސްޓް ހެދުމަށްފަހު ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނުން ދޫކޮށްލެވޭނެއެވެ. ޓެސްޓް ހެދުމުގެ އިންތިޒާމްތައް އެޗްޕީއޭއިން ދަނީ މިހާރު ހަމަޖައްސަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.