ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް އެސްވަތީނީއާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފި ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްއިން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުން އޮތީ އދއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާ ބެހޭ ޖޮއިންޓް ކޮމިއުނިކޭގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. އެސްވަތީނީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މެލޫސީ މާރޓިން މަސޫކޫ އެވެ.
މިއާއެކު ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ ގައުމްތަކުގެ އަދަދު 175 އަށް އަރާނެއެވެ. ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް އިހުތިރާމްކުރާ ގައުމްތަކާއެކު ގުޅުން ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި އިސްކަމެއް ދެއްވާ އެއް ކަންތަކެވެ.
އެސްވަތީނީ އަކީ އެފްރިކާގެ ދެކުނުގައި، މޮޒަމްބީކް އާއި ދެކުނު އެފްރިކާ އާއި އިންވެގެން އޮންނަ، 1.1 މިލިއަން މީހުންގެ އާބާދީއެއްގެ ޤައުމެކެވެ. އެ ގައުމާއެކު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރެވިގެން ދިއުމާއެކު ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ މަސްރަހުގައި އެކުގައި މަސައްކަތްކުރުމަށް މަގު ފަހިވެގެންދާނެއެވެ.