ޓޯކްޔޯ އޮލިމްޕިކްސް 2020 ގެ ކުޅިވަރުތައް ބެލުމަށްޓަކައި ސަޕޯޓަރުން ނުވެއްދުމަށް ނިންމައިފިއެވެ.
އޮލިމްޕިކްސް ކުޅިވަރުތައް ބެކުމަށް މިހުން ނުވެއްދުމަށް ނިންމާފައިވަނީ ޖަޕާނުގެ ސަރުކާރުގެ އިސްވެރިންނާއި އޮލިމޕިކް ކޮމިޓީގެ އިސްވެރިންނާ އެކު އިއްޔެ ބޭއްވިގެން ދިޔަ ބައްދަލުވުމެއްގައި މަޝްވަރާ ކުރުމަށްފަހުއެވެ.
ޖަޕާނުގެ ޕްރައިމް މިނިސްޓަރ ޔޮޝިޑޭ ސުގާ ވަނީ އިއްޔެ ޖަޕާނުގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށް އޮލިމްޕިކްސް ކުޅިވަރުތައް ކުރިޔަށް ދާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.
"ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވް ވަމުން އަންނަ މީހުންގެ އަދަދު އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން. ކޮވިޑް ޖެހި ހާލު ސީރިއަސްވާ މީހުންގެ އަދަދު ދައްކޮށް ހުރިކަމުގައި ވިޔަސް، ގިނަ ވޭރިއަންޓް ތަކެއް ފެތުރެމުން އަންނަ މިދަނޑިވަޅުގައި ސަލާމަތީ ފިޔަވަޅުތައް އެޅުން މުހިންމު" ޖަޕާނުގެ ޕްރައިމް މިނިސްޓަރ ވިދާޅުވިއެވެ.
އިއްޔެ އިއުލާނު ކުރެވިގެން ދިޔަ ސިއްހީ ކުއްލި ނުރައްކަލުގެ ހާޅަތު ޖަޕާނުގައި ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ޓޯކްޔޯގެ ސަރުކާރުން ކޮވިޑް ފެތުރުނަ ނުދިނުމަށްޓަކައި އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ހާއްސަ އިސްކަމެއް ދީގެން އެއްތަނުން އަނެއް ތަނަށް މީހުން ދަތުރުކުރުން މަދުކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވަނީ އެޅިފައެވެ.
ޖުލައި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްގެ ކުޅިވަރުތައް މީގެ ކުރިންވެސް ފަސްކުރެވިފައިވާއިރު، މިފަހަރު އިތުރަށް ލަސްކުރެވެން ނެތުމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުޅިވަރުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އޮލިމްޕިކްސް ކުޅިވަރުތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތައްވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ބާރު އަޅަމުން އަންނަކަމަށް ޓޯކްޔޯގެ ގަވަރނަރ ޔުރިކޯ ކޮއިކޭ ވަނީ ވިދާޅުވެފައެވެ. އަދި ކޮވިޑްގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ހާލަތު ގޯސްވިޔަ ނޫދީ ހިފެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.