ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕޭނަށް އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑުގެ މުވައްޒިފުން އޮފީހަށް ހާޒިރުވާން ނުޖެހޭގޮތަށް ވަޒީފާއިން ވީއްލި މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރަޝީދަށް (ވެލްކަމް/ ސ.ހިތަދޫ) ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

މިކަމާ ގުޅިގެން އޭސީސީއިން ނެރުނު ނޫސް ބަޔާނެއްގައި ވާ ގޮތުން، ހިތަދޫ ޕޯޓްސް ލިމިޓެޑުގެ މުވައްޒިފުން ވަޒީފާއިން ވީއްލާފައިވަނީ ޗުއްޓީއެއް ނެގުމަކާއި ނުލައި، އެ ދުވަސްތަކަށް މުސާރަ ލިބޭނެގޮތަށެވެ. އެގޮތުން، 19 ޖޫން 2018 ގައި ފޮނުވި މެމޯއަކުން، 21 ޖޫން 2018 އިން ފެށިގެން ކުންފުނީގެ ބޭނުމަށް ކަމަށް ބުނެ 16 މުވައްޒިފަކު މަސައްކަތުގެ ޒިންމާއިން ވީއްލައިދިނުމަށް އެސިސްޓެންޓް އެޗް.އާރް މެނޭޖަރުގެ އަރިހުން މުހައްމަދު ރަޝީދުވަނީ އެދިފައެވެ.

އަދި މިގޮތަށް އެ އަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 12 މުވައްޒިފަކު ރިލީޒްގައި ތިބިއިރު މި މުވައްޒިފުންނަށް މުސާރައާއި އެލަވަންސް ދީފައިވާކަން އޭސީސީއިން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން، އާންމުކޮށް ރިލީޒްދިނުމުގައި އަމަލުކުރާ އުސޫލްތަކާއި ހިލާފަށް، އެ މުވައްޒިފުން އޮފީހަށް ހާޒިރުވިކަން ދެއްކުމަށްޓަކައި ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެޓެންޑެންސް ސިސްޓަމަށް ބަދަލުގެނައުމަށް އެ ކުންފުނީގެ އައިޓީ ޑިޕާޓްމެންޓަށް މުހައްމަދު ރަޝީދު އަންގާފައިވާކަން އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފައެވެ. 

އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހުގައި އޭސީސީއިން ވަނީ އެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.