ސިފައިން ހަތިޔާރު ނަގަންވާނީ ކުރިމަތީގައިވާ މީހާއަށް ކުރާ ނަފްރަތެއްގެ ސަބަބުން ނޫންކަމަށާއި، އެހެންނަމަވެސް އުފަން ފަސްގަނޑާއި އެފަސްގަނޑުގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްޤުގައިކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ 66 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޅ.މާފިލާފުށިގެ "ދަ ބޭސިކް ސްކޫލް" ގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ސިފައިން ފެނުމުން ކޮންމެ ދިވެއްސަކަށްވެސް ދިވެހި ދިދަޔާއި އެދިދައިން ލިބޭ ފިނި ހިޔަލުގެ ފޮނިކަން އިހްސާސް ކުރެވެންވާނެ ކަމަށެވެ.

މީގެއިތުރުންވެސް، ފާއިތުވި 2 އަހަރު ތެރޭގައި އެމްއެންޑީއެފް ހޯދާފައިވާ ކުރިއެރުންތަކަށް އަލި އަޅުވާލައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މިހާރު ރައްޔިތުންނަށް ސުލްހަ މަސަލަސްކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމްކޮށްދެވިއްޖެކަމަށާއި ކުރިމަގުގައި މަސައްކަތް ކުރާނީވެސް މި މާހައުލު ދަމަހައްޓައި ނެގެހެއްޓުމަށް ކަމަށެވެ. 

އަދި ސިޔާސީ ނުފޫޒުން ސިފައިން މިނިވަން ކުރެވިއްޖެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިހާރު ކަންކަމުގައި ސިފައިންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާކަމަށެވެ. އަދި، ސިފައިންނަށް ކުރިއެރުން ހާސިލްކުރެވޭނީ ކުރި ހިއްވަރަކާއި މަސައްކަތަކުން ކަމަށެވެ. 

މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ދިވެހި ގައުމީ ދިފާއީ ބާރާއި 97 ސިފައިން އަލަށް ގުޅިފައިވެއެވެ. މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އަސާސީ ތަމްރީން ކޯސް ފުރިހަމަކުރާ އަންހެން ސިފައިންގެ ނިސްބަތް، މިދިޔަ 2 އަހަރުދުވަހުގެ ތެރޭގައި ވަނީ 2 ގުނަ އިތުރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.