ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލުން ހާސިލުވީ އެންމެ މަގްސަދެއް ކަމަށާއި، އެއީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މަރުގެ ތުންފަތް މައްޗަށް ލުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށައެޅުއްވީ ހިސާންއެވެ. މިހާރު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވާ މި ބިލު މަޖިލީހަށް ހުށައެޅުއްވުމާއި އެކު އޭނާއަށް މަރުގެ އިންޒާރުވެސް ލިބިވަޑައިގެންނެވިއެވެ. އެތައް ކަންބޮޑުވުންތަކެއް ހުރި މި ބިލު އަނެއްކާ ކޮމިޓީއަށް ފޮނުވުމަށް ހުށައެޅުމުން އިދިކޮޅުން ސިފަކުރީ 'ސަކަރާތެއްގެ' ގޮތުގައެވެ.
އެގޮތުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީ މަޖިލީހުގައި ތަމްސީލުކުރައްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ދެއްކެވި ވާހަކައަކަށް ރައްދުދެއްވާ، ރިޔާސަތުގައި އިންނެވި އީވާ ވަނީ ސަރުކާރަށާއި އެމްޑީޕީ ޕީޖީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނުރުހުން ފާޅުކުރައްވާފައެވެ.
އެގޮތުން އީވާ ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށައެޅި ބިލެއްގެ ސަބަބުން، ހިސާންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް އިންޒާރު ލިބިގެންދިޔައިރުވެސް، އެޓަރނީ ޖެނެރަލް ފިޔަވާ، ސަރުކާރުގެ އެއްވެސް ބޭފުޅެއް ހިސާންގެ ދިފާއުގައި ނުކުންނަވާފައިނުވާކަމަށެވެ.
"މި ބިލް ތަޅުމަށް ލައިގެން މި ހިނގި ދޮޅު މަހެއްހާ ދުވަހު ހާސިލުވީ އެންމެ މަގްސަދެއް. އެއީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ނުރައްކަލާއި މަރުގެ ތުންފަތް މައްޗަށްލުން" މަޖިލީހުގެ ނައިބްރައީސް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ހިސާން މި ބިލު ސްޕޮންސަރ ކުރެއްވި ދުވަހުން ފެށިގެން އުޅުއްވަން ޖެހެނީ އަބަދުވެސް ހަށިފާރަވެރިންނާއި އެކު ކަމަށެވެ. އެގޮތުން، އަމިއްލަ ގެކޮޅުގައި އެއް ފަންގިފިލާއިން އަނެއް ފަންގިފިލާއަށް ވަޑައިގަތުމަށްވެސް ސިފައިންގެ ރައްކާތެރިކަން ބޭނުންވާ ކަމަށެވެ. އީވާ ވިދާޅުވީ ބަސްބުނާ ފަރާތްތަކަށް އެމްޑީޕީ ޕީޖީގެ ތެރެއިން ވެސް އެތައް ފިއްތުންތަކެއް ކުރިމަތި ކުރުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއީ ސަކަރާތެއް ނޫން. އަޅުގަނޑުގެ ހަމައެކަނި ހިތާމައަކީ ބަސްބުނާ މީހުންނަށް އަޅުގަނޑުމެންގެ އެތެރެއިން ވެސް އަޅުގަނޑުމެންނަށް މިހެން ހަދާތީ. އަޅުގަނޑުމެންގެ އަމިއްލަ ޕާލިމެންޓްރީ ގްރޫޕުތެރެއިން އަޅުގަނޑުމެންނަށް މިހެން ހަދާތީ" މަޖިލީހުގެ ނައިބްރައީސް އީވާ ވިދާޅުވިއެވެ.
އީވާ މިހެން ވިދާޅުވެފައިވާއިރު، މިއަދު މަޖިލީހުގައި ވާހަކަދެއްކެވި ބައެއް މެމްބަރުން ވަނީ ސަރުކާރަސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެއީ ހިސާން ދިފާއު ނުކުރައްވާ، މި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާ މައްސަލައިގައެވެ.
ހަރުކަށި ފިކުރާ އެމްޑީޕީގެ ބައެއް މެމްބަރުންނާ ގުޅުންއޮތްކަން ވަރަށް ސާފު.