ރައްޔިތުންގެ މަޖިލީހަށް ހުށައެޅި 'ނަފްރަތު' ގެ ބިލު، ސަރުކާރުން ދިފާއުކޮށްފައިނުވާކަމަށް ވިދާޅުވެ، ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ހުށައެޅީ ސަރުކާރުގެ ފަރާތުންނެވެ. އަދި މި ބިލު ސްޕޮންސަރ ކުރެއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ.
މިއަދު މި ބިލު އަނބުރާ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާލަން ފާސްކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން މި ބިލު ދިފާއުކޮށްފައިނުވާތީ އެމްޑީޕީ މެމްބަރުން ވަނީ ސަރުކާރު ކޯލިޝަންގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފައިވެއެވެ.
ބިލްގެ ދިފާއުގައި ސަރުކާރުން މަސައްކަތްކޮށްފައިނުވާކަން ފުރަތަމަ ފާހަގަކުރައްވާފައިވަނީ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އެގޮތުން ކޮމެޓީ ރިޕޯޓު ތަޅުމަށް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ މި ބިލު މަޖިލީހަށް ހުށައެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ އިތުރުން މި ބިލުގެ މަސައްކަތް އެޖެންޑާކުރައްވާތީ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ވެސް ނުރައްކާ އޮތް ކަމަށް ވިދާޅުވެފައެވެ.
އޭގެއިތުރަށް މި ބިލު ދިރާސާކުރަމުންދާ ޖުޑީޝަރީ ކޮމިޓީގެ މެމްބަރުންނަށްވެސް ނުރައްކާ އެބައޮތް ކަމަށް އިންތި ވިދާޅުވި އެވެ. އިންތި ވިދާޅުވީ އެމްޑީޕީ ތެރެއިން ވެސް ފިތުނައާއި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއީ މިއަދު މި ގައުމުގައި ހާލަތު ގޮސްފައިވާ ހިސާބަކީ. އެހެންވީމާ މި ހާލަތު މިގޮތަށް ދިޔަ ދިނުމުގެ ފުރުސަތު ސަރުކާރުން ދެއްވި ކަމަކީ އަޅުގަނޑު އިންތިހާއަށް ކަންބޮޑުވާކަމެއް. ސަރުކާރުން މި ބިލު ޑިފެންޑް ކޮށްދެއްވަން ވެސް ޖެހޭނެ.
ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ސަރުކާރުން ކަންތައް ކުރީ ހިސާން 'ހަވަރަށް' ދޭ އުސޫލުން ކަމަށެވެ. ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށް ވައްޑޭ ރައިސުލްޖުމްހޫރިއްޔާއަށް ވެސް ފާޑުވިދާޅުވިއެވެ.
ރައިސުލްޖުމްހޫރިއްޔާއަށް ދަންނަވާލަން، ހިތްވަރު ނެތިއްޔާ ނުކުރާނީ މިކަހަލަ ކަންކަން. ހަމަ ނެއްޓިލާފަ، ހިސާނުގެ ބިލު، ދައުލަތުގެ މީޑިއާއިން ޕީއެސްއެމުން މި ބިލަށް ހިސާނުގެ ބިލް. އިސްލާމްދީނަށް ތައުހީނުކުރުން މަނާކުރާ ބިލުވީމާ ސަރުކާރުގެ ބިލް. މި ފާޑަށް ކަންތައް ނުކުރާށޭ.
އޭނާ ވިދާޅުވީ މިގޮތަށް ކަންތައްތައް ވާނަމަ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާ ބިލުތަކުގެ ތެރެއިން 'ސަރުކާރުގެ ބިލެއް' ކަމަށް ކަނޑައެޅޭ އުސޫލެއް ސާފުކޮޮށް ނިންމަން ޖެހޭ ކަމަށެވެ. އަދި އޭނާ ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮންނަ މަޖިލީހުގައި ހުންނަވައިގެން ކުރިމަތިވާ ކަންކަމުގެ ވާހަކަވެސް ދެއްކެވިއެވެ.
ހަމަ އެމީހަކާއި އެމީހެއް ދެން އޮންނާނީ. ވަރަށް މިނިވަންކޮށް އުޅެލާ ހިތްވޭ އަޅުގަނޑުވެސް. 65 ގެ ތެރޭގައި މިހެން ހުރެ ހުރެ މީހާ ހަލާކުވެއްޖެ މިހާރު. މަގުމައްޗަށް ނުކުމެވެން ނެތް މީހުން އެއްޗެހި ގޮވާ ވަރުން. ކޮންމެވެސް އުސޫލަކަށް ކަންކަން ކުރަން ވާނީ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ ވާހަކައިގައިވެސް އަލި އަޅުވާލީ އެއްކަމަކަށެވެ.
މެމްބަރު މީކާއިލް ވިދާޅުވީ ސަރުކާރުން ހުށައެޅި ބިލަކާއި ގުޅިގެން މެންބަރުންގެ ފުރާނަފުޅަށް ނުރައްކާ ވިއިރުވެސް، ދިފާއުގައި އެއްޗެއް ވިދާޅުނުވި ކަމަށެވެ. އޭނާ ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި ހަރުކަށި ފިކުރާއި ގުޅުން ހުރި މަރުތަކަށް އިންސާފު ހޯދަދިނުމަށް އައި ސަރުކާރުން، މި ބިލު ދިފާއު ނުކުރައްވާތީ ނުރުހުން ފާޅުކުރައްވާފައެވެ.
ވޯޓު ހޯދަންވީމަ އަޅުގަނޑުމެންނަށް ނިކަން ފޯރީގައި ފެނޭއްނޫންތޯ ރިލްވާންގެ މަންމަ. ވޯޓު ހޯދަންވީމާ ނިކަން ފޯރީގައި، ނިކަން ވޭނާއި އެކު އަޅުގަނޑުމެންނަށް ފެނޭއްނޫންތޯ ޔާމީން ރަޝީދުގެ ދައްތަ. ވޯޓު ހޯދަންވީމާ ނިކަން ފޯރީގައި ދެ އަތްޖަހާފައި އަޅުގަނޑުމެންނަށް ފެނޭއްނޫންތޯ ޑރ. އަފްރާޝީމްގެ އާއިލާ. އެމީހުން، އެއާއިލާތަކުގެ ދަރީން މި ގައުމުން ނެތިކޮށްލި ސަބަބު ނައްތާލަން ހުށައެޅި ބިލެއް މި ބިލަކީ ސަރުކާރުގެ ފަރާތުން.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ، އީވާ ވެސް ވިދާޅުވީ ހަމަ މިހެންނެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުންވެސް ބަސް ބުނާ ފަރާތްތަކަށް ފިއްތުން ކުރިމަތިކުރުމާ ކަމަށާއި، އެކަމާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.
ސަރުކާރުން ހިސާން ދިފާއު ނުކުރުމުން އީވާގެ ހިތްހަމަނުޖެހުން!