ސްރީ ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ލަންކާގައި މަރުވާ މުސްލިމުން ވަޅުލެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ އަދި މިފަހުން ކޮވިޑް ބަލީގައި މަރުވި މުސްލިމް ކުޑަ ކުއްޖަކު އަންދާލާފައިވާތީ، މުސްލިމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ދިވެހި ސަރުކާރުން ވަނީ ލަންކާ ސަރުކާރުން އެކަމަށް އިންތިޒާމެއް ހަމަޖައިދިނުމަށް އެދިފައިވާތީ ރާއްޖޭގައި އެ މުސްލިމުން ވަޅުލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ދެ ގައުމުގައި ވެސް ބޮޑު ބަހުސެއް ވަނީ ފެށިފައެވެ.
މިކަމަށް އިޝާރާތްކޮށް ފައްޔާޟް ކުރެއްވި ޓްވީޓެއްގައި ލަންކާގައި މަރުވާ ރާއްޖޭގެ ރައްޔިތުން ލަންކާގެ ގަބުރުސްތާނުތަކުގައި ވަޅުލުމުގެ އިންތިޒާމްތައް ޒަމާނުއްސުރެ ލަންކާއިން ހަމަޖައްސައިދެއްވާފައިވާތީ ލަންކާގެ ރައްޔިތުންނަށް އަދި ވަކިން ޚާއްސަކޮށް އެގައުމުގެ މުސްލިމުންނަށް ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި އެގައުމުގެ ރައްޔިތުން މިފަދަ ބޭނުމެއް ޖެހުނު ވަގުތު ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދިނުމަށް ދިވެހިން ތިބީ ތައްޔާރަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ޒާހިރު މި ބަހުސްގެ ތެރެއަށް ވަދެވަޑައިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް ބަލީގައި މަރުވާ ފަރާތްތައް ރާއްޖެ ގެނެސް، ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެއީ ދަރުމައާއި ސަވާބު ވެސް ލިބޭނެ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވަނީ ކޮވިޑްގެ ސަބަބުން މަރުވާ ސްރީލަންކާމުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން އަޅުގަނޑުމެން ކޮށްދޭންޖެހޭނެކަމެއްނޫން ކަމަށެވެ. އަދިއެކަންކޮށްދީފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާގޮތަށް ކުރެވޭ ތާއީދަކަށް ކަމަށެވެ.