ލަންކާގައި ކޮވިޑް ބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނެސް ދިވެހި ސަރުކާރުން ވަޅުލައިދޭނަމަ، އެވެގެން ދާނީ އެ ގައުމުން މުސްލިމުންނާމެދު އަމަލު ކުރަންދާ ގޮތަށް ތާއިދު ކުރުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

ލަންކާގައި މަރުވާ މުސްލިމުން ވަޅުލެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ އަދި މިފަހުން ކޮވިޑް ބަލީގައި މަރުވި މުސްލިމް ކުޑަ ކުއްޖަކު އަންދާލާފައިވާތީ، މުސްލިމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ދިވެހި ސަރުކާރުން ވަނީ ލަންކާ ސަރުކާރުން އެކަމަށް އިންތިޒާމެއް ހަމަޖައިދިނުމަށް އެދިފައިވާތީ ރާއްޖޭގައި އެ މުސްލިމުން ވަޅުލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ދެ ގައުމުގައި ވެސް ބޮޑު ބަހުސެއް ވަނީ ފެށިފައެވެ. ރައީސް މައުމޫން ރޭ ވެސް ވަނީ އެކަމަށް ތާއިދު ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ. 

ބަހުސް ހޫނުވެފައިވަނިކޮށް މިއަދު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ކޮށްދޭންޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަންކޮށްދީފިނަމަ އެކަންވާނީ އެ ގައުމުގެ ސަރުކާރުން މުސްލިމުންނާމެދު އަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށް ކަމަށެވެ. 

މީގެ އިރުކޮޅެއް ކުރިން އެހެން ޓްވީޓެއްގައި ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމުގެ ބަދަލުގައި އިސްލާމީ އުޚުއްވަތްތެރި ކަމުގެ ރޫޙުގައި އެމީހުންގެ ހަށިތައް އަންދާނުލުމަށް ޝްރީލަންކާ ސަރުކާރުގައި ދެންނެވުން މާރަނގަޅުވާނެ ނޫންތޯ ސުވާލު ކުރައްވާފައެވެ. 

އިސްލާމިކް މިނިސްޓަރު ޒާހިރު މި ބަހުސްގެ ތެރެއަށް ވަދެވަޑައިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް ބަލީގައި މަރުވާ ފަރާތްތައް ރާއްޖެ ގެނެސް، ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެއީ ދަރުމައާއި ސަވާބު ވެސް ލިބޭނެ ކަމެއް ކަމަށެވެ.

އަދާލަތު ޕާޓީއިން ކުރި ޓްވީޓެއްގައި ބުނީ މުޅިދުނިޔެއަށް ދިމާވެފައިވާ މި ނާޒުކު ހާލަތުގައި ސްރީލަންކާގެ ސަރުކާރުން އެދިލައްވާފައިވާ އެދިލެއްވުމަށް އިޖާބަދެއްވާ، ސްރީލަންކާގެ މުސްލިމުންގެ ޙާލަތަށް ރިޢާޔަތްކުރައްވާ އެ ޤައުމުގައި މަރުވާ މުސްލިމުންގެ ޖަނާޒާގެކަންތައްތައް ހަމަޖައްސަވައިދެއްވުމަކީ ސްރީލަންކާގެ މުސްލިމުންގެ ޙައްޤުގައި އާއި އިސްލާމީ އުންމަތުގެ ޙައްޤުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ފިޔަވަޅުތަކަކީ އިސްލާމީ އުންމަތުގެ އުޚުއްވަތްރެއިކަމާއި އެއްބައިވަންތަކަމަށް އެހާމެ މުހިންމު، އަދި ސްރީލަންކާއާއި ރާއްޖެއާއި އޮންނަ ޒަމާންވީ ގުޅުން ދެމެހެއްޓުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.