ކޮވިޑް ބަލީގައި ލަންކާގައި މަރުވާ މުސްލިމުން ވަޅުލެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ އިސްލާމީ އުއްމަތަށްޓަކައި ކޮށް ދޭން ޖެހޭނެ ކަމެއް ކަމަށް ގަބޫލު ކުރާ އަދާލަތު ޕާޓީއިން ބުނެފިއެވެ.
ލަންކާގައި މަރުވާ މުސްލިމުން ވަޅުލެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ އަދި މިފަހުން ކޮވިޑް ބަލީގައި މަރުވި މުސްލިމް ކުޑަ ކުއްޖަކު އަންދާލާފައިވާތީ، މުސްލިމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ދިވެހި ސަރުކާރުން ވަނީ ލަންކާ ސަރުކާރުން އެކަމަށް އިންތިޒާމެއް ހަމަޖައިދިނުމަށް އެދިފައިވާތީ ރާއްޖޭގައި އެ މުސްލިމުން ވަޅުލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ދެ ގައުމުގައި ވެސް ބޮޑު ބަހުސެއް ވަނީ ފެށިފައެވެ.
އަދާލަތު ޕާޓީއިން ކުރި ޓްވީޓެއްގައި ބުނީ މުޅިދުނިޔެއަށް ދިމާވެފައިވާ މި ނާޒުކު ހާލަތުގައި ސްރީލަންކާގެ ސަރުކާރުން އެދިލައްވާފައިވާ އެދިލެއްވުމަށް އިޖާބަދެއްވާ، ސްރީލަންކާގެ މުސްލިމުންގެ ޙާލަތަށް ރިޢާޔަތްކުރައްވާ އެ ޤައުމުގައި މަރުވާ މުސްލިމުންގެ ޖަނާޒާގެކަންތައްތައް ހަމަޖައްސަވައިދެއްވުމަކީ ސްރީލަންކާގެ މުސްލިމުންގެ ޙައްޤުގައި އާއި އިސްލާމީ އުންމަތުގެ ޙައްޤުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ފިޔަވަޅުތަކަކީ އިސްލާމީ އުންމަތުގެ އުޚުއްވަތްރެއިކަމާއި އެއްބައިވަންތަކަމަށް އެހާމެ މުހިންމު، އަދި ސްރީލަންކާއާއި ރާއްޖެއާއި އޮންނަ ޒަމާންވީ ގުޅުން ދެމެހެއްޓުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
މިކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވަނީ ކޮވިޑްގެ ސަބަބުން މަރުވާ ސްރީލަންކާމުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން އަޅުގަނޑުމެން ކޮށްދޭންޖެހޭނެކަމެއްނޫން ކަމަށެވެ. އަދިއެކަންކޮށްދީފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާގޮތަށް ކުރެވޭ ތާއީދަކަށް ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޒާހިރު މި ބަހުސްގެ ތެރެއަށް ވަދެވަޑައިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް ބަލީގައި މަރުވާ ފަރާތްތައް ރާއްޖެ ގެނެސް، ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެއީ ދަރުމައާއި ސަވާބު ވެސް ލިބޭނެ ކަމެއް ކަމަށެވެ.