ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ދިވެހި ދެ ފިރިހެނަކު، ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލާގެ ތަހުގީގު ނިންމައި ފުލުހުން، ދައުވާ ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ދައުވާ ކުރުމަށް އެދި ފޮނުވާފައިވަނީ ތިން މީހެއްގެ މައްޗަށެވެ.
މި މައްސަލާގައި ކުށުގެ ވެށިން އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް ފަހުން އެ ދެ މީހުން ވަނީ ދޫކޮށްލާފައެވެ. އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވިއެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށްވީ އަންހެން މީހާ މިހާރު ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. އޭނާ މީޑިއާއަށް ދިން އިންޓަވިއުއެއްގެ މައްސަލަ ވެސް ބޮޑުވިއެވެ. ފުލުހުން ވަނީ އެ އިންޓަވިއުގައި ވަނީ ކަން ހިނގި ގޮތަށް ނޫން ކަމަށް ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އެންމެ ފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ސަފާރީގައި ރޭޕެއް ހިނގާފައިނުވާ ކަމަށާއި ހިނގާފައިވަނީ އެއަށްވުރެ ކުޑަ ކަމެއް ކަމަށެވެ.