މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ދައުރުގެ ރައީސް ކަމަށް ސަންގުޓީވީގެ ޝަހުބާން ފަހުމީ އިންތިހާބުކޮށްފިއެވެ.
އާ ދައުރުގެ ފުރަތަމަ ބައްދަލުވުން މިއަދު ކުރިއަށް ދިޔައިރު ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގައި ޝަހުބާންއަށް ހަ ވޯޓު ލިބުނެވެ. އޭނާއާ ވާދަ ކުރެއްވި ޕީއެސްއެމްގެ އަލީ ހުސެއިނަށް ފަސް ވޯޓު ލިބުނުއިރު އަމިއްލަ މެންބަރު މުހައްމަދު ޝަފާއު ހަސަނަށް ލިބުނީ ތިން ވޯޓެވެ. ރައީސް އިންތިހާބު ކުރީ ސިއްރު ވޯޓަކުންނެވެ.
ކައުންސިލްގައި ދެން މީޑިއާ މެންބަރުންގެ ގޮތުގައި ތިއްބަވަނީ މިހާރު ނޫހުގެ މުއިއްޒު އިބްރާހިމާއި ވަގުތު ނޫހުގެ އާދަމް ނަވާޒާއި ހަތާވީސް އޮންލައިންގެ އާދަމް ނަޒީރާއި އަސްދަނޑި މަޖައްލާގެ ޝާކިރާއި ތިލަދުންގެ ހުސެއިން ޝަގީފާއި ކުރިންސުރެ މެންބަރުކަން ކުރައްވަމުން ގެންދަވާ އަދި ދައުރު ހަމަނުވާ އަހުމަދު ނާއިފެވެ.
އާ ދައުރުގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ ޝަފީގު އެކަންޏެވެ. އޭނާ އެ މަގާމަށް ގެނައުމަށް 14 މެންބަރުން ފެންނަ ކަމަށް ވޯޓު ދެއްވިއެވެ.