ށ.ފީވަށް ބަނދަރު ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ބޮޑު ބައި ނިމިއްޖެއެވެ.
އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫއުގެ ޖުމްލަ މަސައްކަތުގެ 65 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށާއި މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 13 ސެޕްޓެމްބަރ 2019 ގައި ކަމަށް ވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން 55،163 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 356 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށި ލުމާއި، 644 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 182 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި، 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
ށ.ފީވަށް ބަނދަރު ހެދުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ޖުމްލަ 69,301,516.27 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކުރެވުނީ 2 ޖުލައި 2019ގައެވެ.