ލަންކާގައި ކޮވިޑް ބަލީގައި މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ، ލަންކާ ސަރުކާރުން އެ ގައުމުގައި ކޮވިޑް ބަލީގައި މަރުވާ މުސްލިމުން ވަޅުލެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާތީއެވެ.

މި މައްސަލާގައި ހިޔާލު ވަނީ ތަފާތުވެފައެވެ. ދީނީ އިލްމްވެރިންގެ ހިޔާލުތައް ވެސް ވަނީ ދެކަފިވެފައެވެ. ބައެއް އިލްމްވެރިން މިކަމަށް ތާއިދުކޮށްފައިވާއިރު އަނެއް ބައި އިލްމްވެރިން އަންގަނީ އެއީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ކޮވިޑްގައި މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލުމަށް ތާއިދު ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓަރު ޒާހިރު މި ބަހުސްގެ ތެރެއަށް ވަދެވަޑައިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް ބަލީގައި މަރުވާ ފަރާތްތައް ރާއްޖެ ގެނެސް، ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެއީ ދަރުމައާއި ސަވާބު ވެސް ލިބޭނެ ކަމެއް ކަމަށެވެ.

ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ދީނުގައިވާ ގޮތަށް ކުރުމަށް ފުރުސަތު ނުލިބިގެން އެ ހަށިތައް އަންދާނަމަ ރާއްޖެއިން އެކަމަށް ކޮށްދެވެން އޮތް ކަމެއް ރައްކާތެރިކަމާއެކު ދީނުގައިވާ ގޮތަށްކޮށް ދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. 

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަމުންދާއިރު އެކަމާއި ގުޅިގެން އެގައުމުގެ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ލަންކާގެ މުސްލިމުން ބުނަމުންދަނީ އެއީ ދީނުގައި އަންގަވާފައިވާ ގޮތާއި ޚިލާފަށް ކުރަމުންދާ ކަމެއް ކަމަށެވެ. ސްރީ ލަންކާގެ ޑެއިލީ މިރަރ ނޫހުން ވަނީ ސްރީ ލަންކާގެ ފޮރިން މިނިސްޓްރީގައި ދިވެހި ސަރުކާރުން ލަންކާގެ މުސްލިމުން ވަޅުލުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

އެގައުމުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ޑރ. ހެމަންތާ ހެރަތު ވަނީ ފޮރިން މިނިސްޓްރީގެ އެންގެވުމަކަށް އެފަދަ ގޮތަކަށް ކަންކަން ކުރެވޭނެ ފަދަ ގޮތެއްގެ ގައިޑްލައިންތަކާއި އެކަން ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވުމާއެކު ލަންކާ ހެން އެއް ފަސް ގައުމަކަށް ކޮވިޑްގައި މަރުވާ މީހުން ވަޅުލުމުގައި ދިމާވާ ދަތިތައް ރާއްޖެއަށް ދިމާނުވާ ކަމަށް ޑރ. ހެމަންތާ ވަނީ ބުނެފައެވެ. ދިވެހި ސަރުކާރުން ލަންކާ މީހުން ވަޅުލުމަށް ވަކިން ރަށެއް ހަމަޖައްސަވާނެ ކަމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޑެއިލީ މިރަރ އިން ހާމަކޮށްފައިވާ ގޮތުގައި މީހުން ވަޅުލެވޭނެ ފަދަ ގޮތެއް އެގައުމުން ހޯދުމަށް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ވެސް ވަނީ އަންގަވާފައެވެ. އެހެން ނަމަވެސް އަދިވެސް އެގައުމުގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަނީއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.