ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ސްޕެއިންގެ ބާސެލޯނާ ބައްދަލުކުރަން ޖެހިއްޖެއެވެ. 

މިއީ 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި މި ދެ ޓީމު ބައްދަލުކުރި ފަހުން މި މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރާނެ ފުރަތަމަ ފަހަރެވެ. އެފަހަރު ފުރަތަމަ ލެގު އަމިއްލަ ދަނޑުގައި 4-0 އިން ޕީއެސްޖީއިން ކާމިޔާބުކުރި ނަމަވެސް ބާސާއިން ވަނީ 6-1 އިން ދެވަނަ ލެގު ކާމިޔާބުކޮށް މުޅި ދުނިޔެ ހައިރާންކޮށްލުމަށްފަހު ކުއާޓާ ފައިނަލްގެ ޖާގައެއް އެގްރިގޭޓް ނަތީޖާއަކުން އެ ފަހަރު ހޯދާފައެވެ. މި މެޗު އެންމެ ޚާއްސަވާ އެއް ސަބަބަކީ މިއީ ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވުމަށްފަހު ބާސާއާ ދެކޮޅަށް ބްރެޒިލްގެ ތަރި ނޭމާއަށް ކުޅެވޭނެ ފުރަތަމަ މެޗު ކަމަށްވާތީއެވެ. އެފަހަރުގެ ދެވަނަ ލެގުގައި ނޭމާ 2 ލަނޑު ބާސާއަށް ޖަހައިދިނެވެ. 

ދެވަނަ ބުރުގެ އެހެން މެޗުތަކަށް ބަލާއިރު އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ނުކުންނާނީ ޖަރުމަނުގެ ލީޕްޒީގްއާ ދެކޮޅަށެވެ. އެތުލެޓިކޯ މެޑްރިޑާއި ޗެލްސީ ބައްދަލުކުރާއިރު އެންމެފަހުގެ ޗެމްޕިއަން ބަޔާން ކުޅެން ޖެހޭނީ ލާޒިއޯއާ ދެކޮޅަށެވެ. މެންޗެސްޓަރ ސިޓީ ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލެޑްބެކްއާ ދެކޮޅަށް ކުޅޭއިރު ޔުވެންޓަސް ނުކުންނާނީ ޕޯޓޯއާ ދެކޮޅަށެވެ. ސެވިއްޔާ އަދި ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރިމަތިލުމެއް ވެސް ދެވަނަ ބުރުގައި ފެނިގެންދާއިރު ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.

ދެވަނަ ބުރުގައި ކުޅޭ މެޗުތަކުގެ ފުރަތަމަ ލެގުތައް ފެބްރުއަރީ މަހުގެ 16، 17، 23 އަދި 24 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ ލެގުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މާޗް މަހުގެ 9،10، 16 އަދި 17 ގައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *