މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ނ. މާޅެންދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. 

އެމް.ޑަބްލިއު.އެސް.ސީ އިން ހާމަކޮށްފައިވާ ގޮތުގައި މާޅެންދޫގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 25 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސްފައިވާއިރު ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ. 

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި
11.7 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ
ބިލްޑިންގ އިމާރާތް ކުރުމާއި، ފެން
އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް
ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 250 ޓަނުގެ 3 ތާންގީ ބެހެއްޓިިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. ހަމައެހެންމެ، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޮރުކޮށްދެވިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 7.9 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 1 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި ނަރުދަމާގެ އިދާރީ ބިލިޑިނގް އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރެވިގެންދާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމް.ޑަބްލިޔު.އެސް.ސީއިން ބުނެފައިވެއެވެ.

ޖުމްލަ 22 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 42,975,350.00 މިލިއަން ރުފިޔާއަށެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *