އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭ.އޭ.އޭ)ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިން ދޫކުރާ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން ކިޔަވަމުންދާ ދަރިވަރުން ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ ތާރީޚަކުން ފެށިގެން 6 މަސްދުވަހަށް އިތުރުކޮށްފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައިވާ ގޮތުން، އޭ.އޭ.އޭގައި ކިޔަވަމުންދާ 96 ދަރިވަރުންނަށްވެސް ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު މިހާރުވާނީ ފަސްކޮށްދީފައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން އެންމެ ފުރަތަމަ އޭ.އޭ.އޭގެ ދަރިވަރުންނަށް ލޯނު ދެއްކުމުގެ މުއްދަތު ފަސްކޮށްދީފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަަނަ ދުވަހުއެވެ.

އެފަހަރު ފަސްކޮށްފައިވަނީ ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ނިންމާ ތާރީހަކުން ފެށިގެން 6 މަސްދުވަހަށެވެ. އޭ.އޭ.އޭގެ ދަރިވަރުންނާއި ބެލެނިވެރިންދަނީ އެ ދަރިވަރުންގެ ކޯސް ނިންމުމުގައި ދިމާވަމުންދާ ދަތިތަކާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި އޭ.އޭ.އޭގައި ތައުލީމު ހާސިލް ކުރާ ކުދިންނަށް އެހެން އެކެޑަމީތަކުގައި ލިބެންޖެހޭ މިންވަރަށް ފްލައިންގ އަވަރސް ނުލިބުމުގެ ސަބަބުން ކޯސް ދިގުލައިގެންދެއެވެ.

މިކަންތައްތަކަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް، އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާވެސް ވަނީ ހާމަކުރައްވާފައެވެ. ހަޔަރ އެޑިއުކޭޝަންއިން ވަނީ އޭ.އޭ.އޭގެ ހިންގުން ރަނގަޅު ނުވުމުން އެންމެ ފަހުން ހުޅުވާލި މަތީ ތައުލީމާއި ލޯނުގެ ފުރުސަތުގެ ދަށުން ބޭރުގެ ގައުމްތަކުގައިވެސް ޕައިލެޓް ކޯސް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އާންމުކޮށް އަމަލުކުރާ އުސޫލަކީ ރާއްޖޭގައި ކިޔަވޭ ކޯހަކަށް ބޭރުން ކިޔެވުމުގެ ފުރުސަތު ނުދިނުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.