މަނަފަރު ރިސޯޓުގައި އިއްޔެ ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އަލިފާން ރޯވީ އިންޖީނުގެ އުސްކޮށް ހަދާފައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެއްގައިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.
މަނަފަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ ރޭ ފަތިހު 3:35 އެހާކަންހާއިރުއެވެ. މި މައުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ ނޮދަރން އޭރިއާގެ ކުޅުދުށްފުށީ ފަޔަރ ސްޓޭޝަނުންވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން، އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވަނީ 5:45 އެހާކަންހާއިރުއެވެ.
އެމްއެންޑީއެފް އިން އިތުރަށް މައުލޫމާތުދީފައިވާ ގޮތުގައި، މިހާދިސާގައި ޖެނެރޭޓަރާއި ޕެނަލް ބޯޑުގެ އިތުރުން ޖެހިގެން ހުރި އިމާރާތުގައި ހުރި ފެން ޕްލާންޓަކަށްވެސް ވަނީ ގެއްލުންލިބިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.