ފޮޓޯ: ޔޫރޯ 2020 / ޓުވިޓަރ

ޕެނަލްޓީ ޖަހައިގެން ސްޕެއިން ކަޓުވާލައި، އިޓަލީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 90 މިނެޓު ހަމަވިއިރު، ދެ ޓީމުވެސް 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައިވާއިރު، ނަތީޖާ ނެރުމަށް އެކްސްޓްރާ ޓައިމްގެ 15 މިނެޓުގެ ދެހާފްވެސް ވަނީ ކުޅެފައެވެ.

ނަމަވެސް އެކްސްޓްރާ ޓައިމުންވެސް ނަތީޖާއަށް ބަދަލެއް ނައުމާއެކު، ޖެހި ޕެނަލްޓީގައި 2-4 ގެ ނަތީޖާއަކުން ސްޕެއިންގެ މައްޗަށް އިޓަލީ ވަނީ ކުރިހޯދާފައެވެ.

އިންގްލޭންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުންވެސް ދިޔައީ ރަނގަޅަށް ކުޅެ، އިދިކޮޅު ޓީމުގެ ހާފަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން ހަމަލާތައް އުފެއްދުމަށް މަސައްކަތްކޮށްފައެވެ.

ފުރަތަމަ ހާފްގައި ލީޑު ނެގުމަށް އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވަނީ ސްޕެއިން އަށެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. ހާފް ނިމުމުގެ ކުރިން އިޓަލީއަށްވެސް ވަނީ ލީޑު ނެގުމަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެން ދެޓީމުވެސް އެޓޭކްކޮށް، އިދިކޮޅު ޓީމަށް ޕްރެޝަރު ކުރަން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ދެޓީމުންވެސް ދިޔައީ ފުލުފުލުގައި ރަނގަޅު ފުރުސަތުތައް ހޯދަމުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިޓަލީއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗިއޭޒާއެވެ. މި ލަނޑާއެކު، އިޓަލީން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައިވާިއރު، ލީޑު ފުޅާކުރަންވެސް އެޓީމަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ނަމަވެސް މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް، އަލްވަރާ މޮރާޓާ ވަނީ ސްޕެއިންއަށް ނަތީޖާ ހަމަހަ ކޮށްދީ، އެޓީމަށް ހިތްވަރު ހޯދައިދީފައެވެ. މޮރާޓާގެ މި ލަނޑު މޮރާޓާ ކާމިޔާބުކޮށްފައި މިވަނީ، މިފަހަރުގެ މުބާރާތުގައި އޭނާއަށް ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށް ބުނެ. ފާޑު ކިޔާފައިވަނިކޮށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެފައި އޮތުމުން، ޖެހި ޕެނަލްޓީގައި 2-4 ގެ ނަތީޖާއަކުން އިޓަލީ ކާމިޔާބުކޮށްފައިވާއިރު، މެޗުގައި އިޓަލީން ޖެހި 5 ޕެނަލްޓީގެ ތެރެއިން އެޓީމު ވަނީ 4 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ސްޕެއިން ޖެހި 4 ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބު ކުރެވިފައި ވަނީ 2 ޕެނަލްޓީއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އިޓަލީއަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ބެލޮޓީ، ބޮނޫޗީ، ބެނަޑާސްކީ އަދި ޖޯޖީނިއޯއެވެ. ނަމަވެސް، އިޓަލީގެ ލޮކަޓެލީ ޖެހި ޕެނަލްޓީ ސްޕެއިންގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ޝޫޓްއައުޓްގައި ސްޕެއިންގެ 2 ޕެނަލްޓީ ޖެރާޑްގެ އިތުރުން ތިއާގޯ ކާމިޔާބުކޮށްފައިވާއިރު، އޮލްމޯ އަދި މެޗުގައި ސްޕެއިންއަށް އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިން އަލްވަރާ މޮރާޓާ ފޮނުވާލި ޕެނަލްޓީ އިޓަލީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *