ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ދެ ޓީމުގެ މެދުގައި އޮތް ފަރަގު ރެއާލް މެޑްރިޑްއިން ކުޑަކޮށްފިއެވެ. 

އަމިއްލަ ދަނޑުގައި އެތުލެޓިކޯގެ މައްޗަށް ރެއާލްއިން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެތުލެޓިކޯގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިފައިނުވާއިރު ރެއާލްއިން ވަނީ މެޗު ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިއީ މި ސީޒަނުގެ ލަލީގާގައި ކުޅުނު މެޗުތަކުގެ ތެރެއިން އެތުލެޓިކޯ ބަލިވި ފުރަތަމަ މެޗެވެ. 

މި މެޗުގައި ރެއާލްއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ކަސެމީރޯއެވެ. މި ލަނޑު އޭނާ ޖަހައިދިނީ ކްރޫސް ނަގައިދިން ކޯނަރަކުންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި ރެއާލްއިން ލީޑު ފުޅާކުރިއިރު މި ލަނޑަކީ އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލަކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ފަހުވަގުތުކޮޅު ރެއާލްއަށް ތިންވަނަ ލަނޑެއް ޖެހުމަށް ވެސް ފުރުސަތު ލިބުނު ނަމަވެސް އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. 

ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރެއާލް ވަލަޑޮލިޑް އިން ވަނީ އަމިއްލަ ދަނޑުގައި 3-2 އިން އޮސަސޫނާ ބަލިކޮށްފައެވެ. ވެލެންސިއާ އަދި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު ސެވިއްޔާއިން ވަނީ 1-0 އިން ގެޓާފޭ ބަލިކޮށްފައެވެ. އަދި ހުއެސްކާއިން ވެސް ވަނީ 1-0 އިން ޑިޕޯޓިވޯ އަލަވޭސް ބަލިކޮށްފައެވެ. 

ރޭގެ މެޗުން ބަލިވި ނަމަވެސް ތާވަލުގެ އެއްވަނާގައި އެއް މެޗު މަދުން ކުޅެގެން 26 ޕޮއިންޓާއެކު އޮތީ އެތުލެޓިކޯއެވެ. ދެވަނަ 25 ޕޮއިންޓާއެކު ރެއާލް ސޮސިއެޑާޑަށް ލިބޭއިރު 23 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑްއެވެ. ހަތަރުވަނަ ލިބެނީ ވިޔަރެއާލްއަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.