އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އަދި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު ޗެލްސީ ކުޅުނު މެޗުން އެޓީމު ބަލިވިއެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑު ޖެހުމަށް މާ ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އެގޮތުން މެޗުގެ އެންމެ ހުސް އެއް ފުރުސަތު ލިބުނީ ސިޓީގެ މަހްރޭޒްއަށެވެ. އޭނާއަށް ކެވިން ޑެބްރައިނާ ދިން ޕާހުން ޑެހޭއާ ކޮޅަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.
އެވަޓަންގެ ދަނޑުގައި ޗެލްސީ ވަނީ 1-0 އިން ބަލިކޮށްފައެވެ. މި މެޗުގައި އެވަޓަންއިން ޖެހި ހަމައެކަނި ލަނޑު 22 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ގިލްފީ ސިގަޑްސަންއެވެ. މިިއީ ޗެލްސީގެ ކީޕަރު އެޑުއާޑޯ މެންޑީ ކުރި ފައުލަކުން އެޓީމަށް ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޕްރިމިއަރ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރަށުން ބޭރުގައި ވެސްޓް ހާމްއިން ވަނީ 2-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ. އެސްޓަން ވިލާއިން 1-0 އިން ވުލްވްސް ބަލިކުރިއިރު އަމިއްލަ ދަނޑުގައި ނިއުކާސަލްއިން ވަނީ 2-1 އިން ވެސްޓް ބްރޮމް ބަލިކޮށްފައެވެ.
ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނާގައި ޓޮޓެންހަމް އޮތްއިރު ދެވަނައިގައި އޮތީ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލްއެވެ. ޗެލްސީ ތިންވަނައިގައި އޮތްއިރު ހަތަރުވަނަ ލިބެނީ ލެސްޓަރ އެވެ. ޔުނައިޓެޑް އަދި ސިޓީ އޮތީ އެވަޓަންގެ ފަހަތުން އަށްވަނަ އަދި ނުވަވަނައިގައެވެ.