ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލަކު ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މިއީ އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ސާފު ކުރެއްވުމަށްޓަކައި ބޭއްވެވި ބައްދަލުވުމުކެވެ. 

މި ބައްދަލުވުން އޮތީ ނައިބު ރައީސް އައްޑޫ ސިޓީގެ ބައެއް ރަށްތަކާއި ފުވައްމުލައް ސިޓީއަށް ކުރެއްވެވި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ފުވައްމުލަކަށް ވަޑައިގެން، ސިޓީ ކައުންސިލް އިދާރާގައެވެ. ނައިބު ރައީސްގެ އިތުރުން ހެލްތު މިނިސްޓަރ އަހްމަދު ނަސީމް އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ފުވައްމުލަކު ހޮސްޕިޓަލްގެ އިސްވެރިންވަނީ ހޮސްޕިޓަލުގެ ކަންތައްތައް ރަނގަޅު ކުރުމަށް ގެންނަންޖެހޭ ގިނަ ބަދަލުތަކެއް އެ ބޭފުޅުންނާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން، ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި، އެ ތަނުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމުގެ މަޢުލޫމާތު ޕްރެޒެންޓޭޝަންއެއްގެ ސިފައިގައި ހުށަހަޅާފައިވެއެވެ. ހޮސްޕިޓަލުގެ އިސްވެރިން ވަނީ އިތުރު ވަސީލަތްތަކާއި ފަންނީ މުވައްޒިފުން ހޯދުމުގައި ދިމާވެފައިވާ ދަތިތައް ނައިބު ރައީސް އާ ހިއްސާކުރައްވާފައެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ނައިބު ރައީސްވަނީ، އެ ކަންކަން ހައްލުކުރުމަށް ހެލްތު މިނިސްޓްރީއަށް ވެދެއްވެން އޮތް އެހީތެރިކަމާއި އެއްބާރުލެއްވުން ފޯރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި، ވަގުތުން ހައްލު ބޭނުންވާ ކަންތައްތަކާއި ގުޅޭ ގޮތުން އެމަނިކުފާނުވެސް ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ނަސީމް، ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ތަފުޞީލުކޮށް އަލިއަޅުއްވައިލެއްވިއެވެ.

ނައިބު ރައީސް އައްޑޫއަށާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގެ މުހިންމު ގިނަ މަޝްރޫއުތަކެއް ބައްލަވާލައްވައި މަސައްކަތް ކުރިއަށްދާގޮތާއި ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވިއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ މާލޭގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.