އައްޑޫގައި ޤާއިމުކޮށްފައިވާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި އެ ކުދިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ރައީސް ފައިސަލް ނަސީމް އޮޅުންފިލުއްވައިފިއެވެ. 

އެމަނިކުފާނު މި މައުލޫމާތުތައް އޮޅުންފިލުއްވީ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި އެ ކުދިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. އިއްޔެ ހަވީރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އައްޑޫ ފްލައިންގ ސްކޫލްގެ ދަރިވަރުން ވަނީ އެ ކުދިންނަށް ދިމާވާ ދަތިތަކުގެ މަޢުލޫމާތު ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައެވެ. އެ ގޮތުން، އެ ކުދިން ވަނީ ސްކޫލްގެ ފީ އެމެރިކާ ޑޮލަރުން ދައްކަން ޖެހުމުން ދިމާވާ ދަތިތަކާއި، ފްލައިންގ ސްކޫލުން އެ ކުދިންނާ މެދު ޢަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ އެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި، އެ މަނިކުފާނު ވަނީ ސަރުކާރުގެ ފަރާތުން ފްލައިން ސްކޫލްގެ ދަރިވަރުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ބައްލަވައިދެއްވުމަށް ފިނޭންސް މިނިސްޓަރުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. މީގެ ތެރޭގައި އެ ދަރިވަރުންނަށް އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ފީ ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމަކީ ކޮބައިކަން ބެއްލެވުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ، މި ކަމުގައި އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފްލައިންގ ސްކޫލްގެ ދަރިވަރުން ވަނީ އެ މީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވުމާ ގުޅިގެން، އެ މަނިކުފާނާއި ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. 

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާއި، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޢަބްދުލްމަލިކް ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.