މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން އައްޑޫ ސިޓީގައި އެޅުމަށް ނިންމާފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މިއަދު ހުޅުމީދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އަދި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގްއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުއަކީ އިންޑިއާ ސަރުކާރުގެ އެހީއާއެކު ކުރިއަށް ގެންދިިޔުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
މި މަޝްރޫއަށް ޖުމްލަ 15 މިލިއަނަށްވުރެ ގިނައިން ހަރަދުވާނޭކަމަށް ބެލެވޭއިރު، އިންޑިއާ ސަރުކާރުން 7.9 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ބާކީ 7.1 މިލިއަން ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުންނެވެ. މި މަޝްރޫއު ހަވާލުކުރެވިފައިވަނީ 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ޙަވާލުކުރާ ގޮތަށެވެ.
މިއީ ބައިނަލްއަގްވާމީ ފެންވަރުގެ މަރުކަޒެކެވެ. މި ސެންޓަރުގައި 60 މީހުންނަށް ފަރުވާ ދިނުމުގެ ކެޕޭސިޓީ ހުންނާނެއެވެ. 30 މީހުންނަށް ސެންޓަރުގައި ބައިތިއްބައިގެން ފަރުވާ ދެވޭނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީއިން ވަނީ ބުނެފައެވެ. މި ތަނުގައި މަސައްކަތް ކުރާނެ ކައުންސެލަރުން ތަމްރީންކުރުމަށްވެސް އިންޑިއާގެ ސަރުކާރުން އެހީވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ހުޅުމީދޫގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، ނައިބު ރައީސްގެ އިތުރުން މިނިސްޓަރ ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.