ހދ. ކުޅުދުއްފުށީ ބަނދަރުގެ ބޮޑުކުރުމުގެ މަޝްރޫއު އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެ މަސައްކަތްކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުނިން ނިންމާލާފައިވަނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން 236،844 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 24،450 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1،000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ގާއިމްކޮށްފައިވެއެވެ.
137.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ 450 ދުވަހުގެ ތެރޭގައި ނިންމުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.