ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުމާލުމަށްފަހު ރާއްޖެއަށް އެއް ލައްކަ ފަތުރުވެރިންނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޯޑަރު ހުޅުވާލުމަށް ނިންމެވި ހިތްވަރުގަދަ ނިންމެވުމުގެ ނަތީޖާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. 

މިކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ ކުރިން އަންދާޒާކުރި ވަރަށްވުރެ އަވަހަށް އެއް ލައްކަ ޓޫރިސްޓުން ރާއްޖެއަށް ގެނެވުމަކީ ކުރިޔަށް ދިޔުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. މިއީ ދުނިޔެއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމަކާ ދެކޮޅަށް މުޅި ރާއްޖެއިން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ. އަދި މިއީ ރައީސް ސޯލިހު ބޯޑަރު ހުޅުވާލުމަށް ނިންމެވި ހިތްވަރުގަދަ ނިންމެވުމުގެ ނަތީޖާ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވިއެވެ. 

ހަމައެހެންމެ މިއީ މުޅި ސަރުކާރާއި، ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީ އާއި، މުޅި މުޖުތަމައު ގުޅިގެން ޓޫރިޒަމްގެ މަސައްކަތްތައް އަލުން ފަށައި ފަތުރުވެރިން ބޭނުންވާފަދަ ގޮތަކަށް ރައްކާތެރި ހިދުމަތް ފޯރުކޮށްދެވުމުގެ ނަތީޖާ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވިއެވެ. ޓޫރިޒަމް މިނިސްޓަރ ވަނީ މި ހިސާބަށް ވާސިލްވުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. 

ޓޫރިޒަމް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 525،000 ފަތުރުވެރިން ގެނައުމެވެ. އަދި ފަސް ލައްކަ ވަނަ ފަތުރުވެރިޔާ މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ރާއްޖެއަށް އަންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. ހަމައެހެންމެ ކުރިޔަށް އޮތް 2021 ވަނަ އަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން އަންނާނެކަމަށް ލަފާކުރެވޭއިރު އެދުގެ ނިސްބަތުގެ ހޭދަކުރާ ރޭތަކުގެ އަދަދު 10 މިލިއަނަށްވުރެ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މިއަދު ހެނދުނު އެމިރޭޓްސް އެއާލައިން ރާއްޖެ އައި އެއްލައްކަ ވަނަ ޓޫރިސްޓަކީ ސުވިޒަލޭންޑުގެ އަންހެނެކެވެ. އޭނާ ރާއްޖެ އައީ ބައިވެރިޔާއެކުއެވެ. އެމީހުންނަށް މަރުހަބާ ކިޔުމަށް މިއަދު އެއާޕޯޓްގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެއްލައްކަ ވަނަ ޓޫރިސްޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ނިންމާފައިވަނީ އެނބޫދޫ ވިލެޖުގައި ދެ ހަފުތާއަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.