ކުރިޔަށް އޮތް 2021 ވަނަ އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ރާއްޖެއިން އަމާޒު ހިފައިފިއެވެ. 

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ވަނީ މި ދާއިރާއިން ލިބެމުންދާ ކުރިއެރުންތަކަށް ބެލުމަށްފަހު މި އަހަރާއި އަންނަ އަހަރު އަންނާނެ ކަމަށް ލަފާކުރެވޭ ޓޫރިސްޓުންގެ އަދަދަށް ބަދަލުތަކެއް ގެނެސްފައެވެ. 

އެގޮތުން އެ މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 525،000 ފަތުރުވެރިން ގެނައުމެވެ. އަދި ފަސް ލައްކަ ވަނަ ފަތުރުވެރިޔާ މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ރާއްޖެއަށް އަންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. ހަމައެހެންމެ ކުރިޔަށް އޮތް 2021 ވަނަ އަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން އަންނާނެކަމަށް ލަފާކުރެވޭއިރު އެދުގެ ނިސްބަތުގެ ހޭދަކުރާ ރޭތަކުގެ އަދަދު 10 މިލިއަނަށްވުރެ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެ މިނިސްޓްރީއިން ވަނީ ޓޫރިޒަމް އިންޑަސްޓްރީ އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށް އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. 

2019 ވަނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އަހަރެވެ. އެގޮތުން އެ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރިއިރު ސަރުކާރުން އަމާޒުކޮށްފައި އޮތީ މިއަހަރު ރާއްޖެއަށް 2 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. މިކަމަށް އަމާޒުކޮށް ރާއްޖެއިން ވަނީ ގިނަ މާކެޓިން ޕްރޮގްރާމްތަކެއް ވެސް ހިންގާފައެވެ. އެހެން ނަމަވެސް ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު ދުނިޔޭގެ ދަތުރުފަތުރުކުރުމުގެ ސިނާއަތް ހުއްޓި ފަތުރުވެރިކަމުގެ ސިނާއަތް ވެސް އެއްކޮށް ހުއްޓުމަކަށް އައިސްފައިވެއެވެ. 

ފަތުރުވެރިކަމަކީ ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ ވައްދާ ސިނާއަތަށްވުމާއެކު ސަރުކާރުން ވަނީ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިކަމަށް މަގުފަހިކޮށްދީފައެވެ. ރާއްޖެ ވެގެންދިޔައީ ފަތުރުވެރިކަމަށް ބޯޑަރު ހުޅުވާލި މަދު ގައުމުތަކުން ގައުމަކަށެވެ. އެއާއެކު ރާއްޖެ އަންނަ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިއަދު ރާއްޖެއަށް ވަނީ ބޯޑަރު ހުޅުވާލިފަހުން އެއް ލައްކަ ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.