މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށާއި، އެ މަސައްކަތްތަކުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ބައެއް ރަށްރަށާއި، ފުވައްމުލައް ސިޓީއަށް މިއަދު ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އައްޑޫ ސިޓީގެ ހިތަދުއަށް ވަޑައިގަންނަވާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި މުޅި ސަރުކާރު ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް އަމާޒަކީ ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކުގައި ފޯރުކޮށްދެމުންދާ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ދާއިރާ ތަރައްޤީ ކުރެއްވުން ކަމުގައެވެ. އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ބައެއް ދަތިތައް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.

މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ވެސް ފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) މެދުވެރިކޮށް މިހާރު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ. އަދި، ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ވެސް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން، އެ ތަނުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ޤާއިމުކުރުމުގެ މުހިންމުކަން ވެސް ނައިބް ރައީސް ފާހަގަކުރައްވާފައެވެ. އަދި، ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ޞިއްޙީ ޚިދުމަތްތެރިން އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކުރައްވާ، އެ މަނިކުފާނު ވަނީ އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި އިންސާނީ ވަޞީލަތްތައް ހޯދުމުގެ އިތުރުން ދުރު ރާސްތާގައި މި ސަރަޙައްދުގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޖާގައިގެ ގޮތުން އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރައްވައި، އެ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތައް ވަނީ ނައިބް ރައީސްއާ ހިއްސާކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ، އަދި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރުގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.